ޚަބަރު

މާދަމާރޭ ބާއްވާ ބޮޑު ޖަލްސާއިން ޤައުމީ އެއްބައިވަންތަކަން ފެނިގެންދާނެ- ނިހާން


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރައްޔިތުންގެ ތާޢީދު އޮތްމިންވަރު ދައްކާލުމަށްޓަކައި ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާ މާދަމާ ރޭ އޮންނާނެއެވެ.

މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި މާލޭ ވެލިދަނޑު ސަރަޙައްދުގައި ކަމަށް ޕީޕީއެމްއިން ބުނެއެވެ.

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ޤްރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކް ވިދާޅުވީ މާދަމާއަކީ މުޅި ރާއްޖެއަށްވެސް ވަރަށް ޚާއްޞަ ދުވަހެއް ކަމަށެވެ. އެގޮތުން މާދަމާއަކީ ސާފު ސުޒްކީކަޕް ގައި ރާއްޖެ ހޯދި ކާމިޔާބީއަށްފަހު ޤައުމީ ޓީމް އެނބުރި ރާއްޖެއައުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ ހުޅުވުމުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު A380 މަރުކާގެ މަތިންދާ ބޯޓު ޖައްސާ ދުވަސްކަން ނިހާން ވަނީ ފާހަގަކުރައްވާފައެވެ. ނިހާން ވިދާޅުވީ މިފަދަ އުފާވެރި ދުވަހެއްގައި މިވަރުގެ ބޮޑު ޖަލްސާއެއް ބޭއްވުން ވެގެންދާނީ ޤައުމީ އެއްބައިވަންތަކަން ފެނިގެންދާނެ ދުވަހެއްކަމަށެވެ.

ނިހާން ވިދާޅުވީ މި ޖަލްސާގައި ބައިވެރިވުމަށް އެކި ރަށްރަށުން ކަނޑުމަގުންނާއި ވައިގެ މަގުން މީހުން މާލެ އަންނަމުންދާކަމަށެވެ. އެގޮތުން ވައިގެ މަގުން މިއަދު ފަތިހުންފެށިގެން މީހުން މާލެއަންނަމުންދާކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މި ޖަލްސާ ބާއްވާ ވެލި ދަނޑުގައި 20000 ގޮނޑިޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.

މިޖަލްސާގައި ސަތޭކަ އައްޑިހައަށްވުރެ ގިނަ ރަށުން މީހުން ބައިވެރިވާއިރު މިޖަލްސާއިން އެކަނިވެސް ރައީސް ޔާމީނަށް ރައްޔިތުންގެ މެދުގައި އޮތް ތާޢީދު ފެނިގެންދާނެކަމަށް ޕީޕީއެމް އިން ބުނެއެވެ.