ޚަބަރު

އޮއިވާލި ކަނދުފަތި ހަރުކުރުމަށް ފުރުޞަތު އޮތްނަމަ އެކަންކުރާނަން - ފިޝަރީޒް މިނިސްޓްރީ


އޮއިވާލި ކަނދުފަތިތައް ހަރުކުރުމުގައި ހިފަހައްޓަމުންދާ ފަންނީ އަދި ޢިލްމީ މިންގަނޑުތަކުގެ ތެރެއިން ކަނދުފައްޗެއް ހަރުކުރުމަށް ފުރުޞަތު އޮވެއްޖެނަމަ އެކަންކުރާނެކަމުގެ ޔަޤީންކަން ފިޝަރީޒް މިނިސްޓްރީން މަސްވެރިންނަށް ދީފިއެވެ.

އެކި ސަރަޙައްދުތަކުގައި ކަނދުފަތި ހަރުކޮށްދިނުންއެދި ފިޝަރީސް މިނިސްޓްރީއަށް ހުށައަޅަމުންދާކަން ފާހަކޮށް އެ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައިވަނީ، އެތެރެވަރީގައި ލައްޓި ރާނގޮޑިއަށް އަމާޒުކޮށް ކަނދުފަތި ހަރުކޮށްކޮށްދިނުމަށާއި، ފަންނީގޮތުން އެއް ކަނދުފައްޗާ އަނެއް ކަނދުފައްޗާ އޮންނަން ޖެހޭ ދުރުމިން ނުލިބޭގޮތަށް ކަނދުފަތި ހަރުކޮށްދިނުމަށް އެދެމުންދާކަމަށެވެ. އަދި އެއް އަތޮޅާއި އަނެއް އަތޮޅަށް ދަތުރުކުރާ އުޅަނދު ފަހަރަށް ނުރައްކާވެދާނެ ސަރަޙައްދު ތަކުގައި ކަނދުފަތި ހަރުކުރުމަށްވެސް ބައެއް ފަރާތްތަކުން އެދެމުންދާކަމަށް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެހެންނަމަވެސް އޮއިވާލި ކަނދުފަތި ހަރުކުރުމުގެ ފަންނީ އަދި ޢިލްމީ މިންގަނޑުތަކުގެ ތެރެއިން ކަނދުފައްޗެއް ހަރުކުރެވޭނަމަ އެކަން ކޮށްދެއްވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ކަނދުފަތި ހަރުކުރުމަށް ކުރީގެ ސަރުކާރަކަށްވުރެ ބޮޑަށް މި ސަރުކާރުން ސަމާލުކަންދޭކަން ފިޝަރީޒް މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީން ބަލާ މިންގަނޑުތަކަށް ފެތޭގޮތަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭ އައު 5 ކަނދުފަތި ހަރުކޮށްފައިވެއެވެ. މި 5 އަހަރުދުވަހުގެ ތެރޭގައި ކަނދުފައްޗެއް ކަނޑައިގެން ދިޔުމުން ގިނަވެގެން 1 މަސްދުވަސްތެރޭގައި ކަނދުފަތި ހަރުކޮށްދީފައިވާކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި އަލަށް ހަރުކުރި 5 ކަނދުފައްޗާއެކު ޖުމްލަ 55 ކަނދުފަތި ހަރުކޮށްފައިވާއިރު، ކަނދުފަތީގެ ވިއުގައަށް ނޭދެވޭ އަސަރެއް ނުކޮށް ނުވަތަ އިތުރު ކަނދުފަތިތަކެއް އެހެން ސަރަހައްދަކަށް ބަދަލު ނުކޮށް، ނުވަތަ ބައެއް ކަނދުފަތި އުނިނުކޮށް އިތުރު ކަނދުފައްޗެއް އަޅާނެ ޖާގައެއް އޮތްކަމަށް ނުފެންނަކަމަށް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ރާއްޖެއަކީ މުޅިދުނިޔޭގައިވެސް އެންމެ ކާމިޔާބުކަމާއެކު ކަނދުފަތި ހަރުކުރުމުން އޭގެ މަންފާ މަސްވެރިންނަށް ލިބޭ ޤައުމެވެ.