ޚަބަރު

ރިޔާސީ އިންތިޚާބުގެ މޮނިޓަރުން ތަމްރީނުކުރަން ފަށައިފި


މި އަހަރުގެ ރިޔާސީ އިންތިޚާބުގެ މޮނީޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

ރިޔާސީ އިންތިޚާބު މޮނީޓަރ ކުރުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ މީޑިއާތަކަށް ޚާއްޞަކޮށްގެން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް ފަށާފައިވަނީ އިއްޔެއެވެ.

މޮނީޓަރުންނަކީ އިންތިޚާބުގެ މަޢުލޫމާތުތައް ޢާންމުންނަށް ގެނެސްދިނުމަށް މަސައްކަތްކުރާ މީހުންކަމަށްވާތީ މި ޕްރޮގްރާމްގައި އިންތިޚާބުގެ ހުރިހާ ކަމެއް ހިނގާ އުސޫލާއި، ވޯޓު ގުނާ ގޮތާއި، ޝަކުވާ ހުށަހެޅުމަށް އޮންނަ އުސޫލުތަކަށް ބައިވެރިން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި މޮނީޓަރެއްގެ ޙައިސިއްޔަތުން ވޯޓުލާ މަރުކަޒުގައި ޢަމަލުކުރާނެ ގޮތާއި، ވޯޓްލާ މަރުކަޒުގައި މަންޒަރުތައް ރެކޯޑުކުރުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި، މަރުކަޒަށް ވެއްދޭނެ ތަކެތި މި ތަމްރީނު ޕްރޮގްރާމްގައި މޮނީޓަރުންނަށް ވަނީ ކިޔާދީފައެވެ. މީގެ އިތުރުންވެސް މޮނީޓަރެއްގެ ދައުރު އަދާކުރުމުގައި ގެންގުޅޭންވީ ސުލޫކީ މިންގަނޑުތަކާއި، ހަމަތަކުގެ މައްޗަށް ޕްރޮގްރާމް ގެ ބައިވެރިން އަހުލުވެރިކުރުވާފައިވެއެވެ.

މޮނީޓަރުންގެ އިތުރުން ރިޔާސީ އިންތިޚާބުގައި ޙަރަކާތްތެރިވާ އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައްވެސް މިހަފްތާތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިޚާބު މޮނިޓަރ ކުރުމުގެ ފުރުޞަތު ވީހާވެސްގިނަ މީޑިއާތަކަށް ދިނުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ހަމައެކަނި މީޑިއާ ފާސް އޮންނަ މީޑިއާތަކަށް މޮނީޓަރުކަން ކުރުމަށް ހުއްދަ ދިނުމަށް އޮތް އުސޫލު ބަދަލުކޮށް އިންތިޚާބު މޮނީޓަރުކުރުމަށް އެދި ހުށަހަޅާފައިވާ ހުރިހާ މީޑިއާއަކަށް ފުރުޞަތު ދީފައެވެ.