ޚަބަރު

ޤައުމަށް ލިބޭ ޢާމްދަނީ 2023 ވަނަ އަހަރު 82 ބިލިއަނަށް އަރާނެ - ރައީސް


ރާއްޖޭގެ އިޤްތިޞާދު އޮތްގޮތަށްބަލާއިރު ވަކިއެއްވެސް ރަށަކަށްލިބޭ ޢާމްދަނީއަކުން އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިނުދެވޭނެކަމަށާ އެއީ ވާނެކަމެއްނޫންކަމަށް ވިދާޅުވެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓުގެ ސިޔާސަތުތަކަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެ ރައްދުދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބޭއްވި ރިޔާސީބަހުސް 2018 ގައި އެމަނިކުފާނަށް ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

"އެމްއެންޔޫ ރިޔާސީ ބަހުސް 2018" ގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދެންނެވި ސުވާލުތަކަށް އެމަނިކުފާނުވަނީ ވަރަށް ސާބިތުކަމާއެކު ޖަވާބުދެއްވާފައެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ސިޔާސަތުގައި ހިމެނޭ ކޮންމެ ރަށަކުން ނުވަތަ ކޮންމެ އަތޮޅަކުން ލިބޭ އާމްދަނީން އެރަށެއްގައި ނުވަތަ އެއަތޮޅެއްގައި ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގާނެކަމަށް ބުނާބުނުމާމެދު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައިީސް ވިދާޅުވީ، އެރަށަކުން ލިބޭ އެއްޗަކުން އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދައި ނުދެވޭނެކަމަކީ ވަރަށްސާފުކޮށް އެނގެން އޮތް ކަމެއްކަމަށެވެ.

ތަރައްޤީގެ މަޝްރޫޢުތަކަކީ އޭގެ ޒާތުގައި ރައްޔިތުންނަށް ބޭނުންވާ އެތައް ކަމެއް ފުއްދައިދޭން ހިންގާ މަޝްރޫޢުތަކެއްކަމަށާއި، ރަށްރަށް ބޭނުންވާ ތަރައްޤީ ގެނެސްދެވޭނީ މުޅި ދައުލަތައް ލިބޭ އާމްދަނީންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިޒަމާނުގެ އިޤުތިޞާދީ ނިޒާމު އޮންނަނީ މިހެންކަމަށާ، އިސްލާމީ ވެރިކަމުގެ ނިޒާމަކީވެސް މިއީކަމަށް ވިދާޅުވެ ރައީސް ވަނީ އިދިކޮޅު ކެނޑިޑޭޓުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.

ސަރުކާރުން ފައިސާ ހޯދައިގެން ނުވަތަ ލޯނުނަގައިގެންވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިންގެންޖެހޭކަންކަން އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށާ، އެރަށަކުން ލިބޭއެއްޗަކުން ކަންކަންކޮށްދޭނަމަ އަދި 20 އަހަރު ފާއިތުވިޔަސް ރާއްޖެއަށް ތަރައްޤީނުގެނެސް މަޑުކުރަންޖެހޭނޭކަމަށް ރައީސް ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ލޯނުނެގުމާމެދު ރާއްޖޭގެ ސިޔާސީ ބޭފުޅުން ވިސްނާވަރަށް ވުރެ ބޮޑަށް ބައިނަލްއަޤުވާމީ ފަރާތްތަކުން މިކަން މިނެކިރާގޮތް ބަލާލުން މާމުހިންމުކަން ފާހަގަކުރައްވައި ރައީސްވަނީ ދުނިޔޭގެ ޤައުމުތަކުން މިސާލުދައްކަވާފައެވެ. އެގޮތުން ބައިނަލްއަޤްވާމީ ހުރިހާ ފަރާތަކުންވެސް ރާއްޖެއަށް ލޯނު ދެއްކޭނެކަމުގެ ޤާބިލްކަން ހުރިކަމަށް ޤާބޫލުރާކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދަށް މިސަރުކާރުން ގެންމުންދާ ހެޔޮ ބަދަލުތަކާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިވަގުތު ރާއްޖޭގެ މުޅިދައުލަތުގެ ޢާމްދަނީއަކީ އަހަރަކު 20 ބިލިއަން ރުފިޔާކަމަށެވެ. ރާއްޖޭގެ އިޤްތިޞާދުގައި މިހާރު ހިންގާ މަޝްރޫޢުތަކާއެކު މިނިސްބަތް އިތުރުވާނެކަމަށާ، 2023 ވަނަ އަހަރު އަންނައިރު މުޅި ޤައުމަށް ލިބޭ ޢާމްދަނީ 82 ބިލިއަނަށް އަރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއިން އެނގިގެންދަނީ ލޯނު އަދާކުރުމުގެ ޤާބިލްކަން ރާއްޖޭގައި ހުރިކަންކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިވަގުތު ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވެ ވަޒީފާ އަދާކުރާ ނިސްބަތް އެތައް ގުނައެއް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެެވެ. އެގޮތުން މިހާރު ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތަކީ އެއްލައްކަ ފަންސާސް ތިން ހާސް މީހުންކަމަށާއި، މިހާރު ވަޒީފާނެތް ނިސްބަތަކީ ފަހެއް އިންސައްތަކމަށް ރައީސް ވިދާޅުވިއެވެ.