ޚަބަރު

މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ބެހޭ ސެމިނާރެއް ފަށައިފި


މަދަނީ ޢަދުލުގެ ނިޒާމް ހަރުދަނާ ކުރުމާބެހޭ ހާއްސަ ސެމިނާރެއް ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސެމިނާރު އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.

މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ސެމިނާރަކީ މަދަނީ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކާބެހޭ ގިނަ ޝަކުވާތަކެއް ލިބެމުންދާތީ، އެ މައްސަލަތައް ޙައްލުކޮށް، އަވަސްކަމާއި ފަސޭހަކަމާއެކު ޢަދުލުއިންޞާފު ލިބިދެވޭނޭ ގޮތްތައް ދެނެގަނެ، އެ ނިޒާމް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބާއްވާ ސެމިނާރެކެވެ.

މި ސެމިނާރުގައި ޝަރުޢީ ދާއިރާއާ ގުޅުންހުރި މަސައްކަތް ކުރާ 61 ބޭފުޅަކު ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ސުޕީރިއަރ ކޯޓުތަކުގެ ޤާޟީންނާއި، މެޖިސްޓްރޭޓުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އަދި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ލީގަލް ބޭފުޅުންނާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް ބޭފުޅުންނާއި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންވެސް މި ސެމިނާރުގައި ވަނީ ބައިވެރިވެފައެވެ.

މަދަނީ ޢަދުލުގެ ނިޒާމް ހަރުދަނާ ކުރުމާބެހޭ ޚާއްސަ ސެމިނާރެއް ފަށައިގެން ކުރިއަށްދާއިރު ރާއްޖޭގެ ޝަރުޢީ ނިޒާމު ޙަރުދަނާކޮށް ޝަރުޢީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންނަނީ ކުރަމުންނެވެ.