ޚަބަރު

އިސްރާއީލުގެ މިސައިލް ހަމަލާތަކެއް ސޫރިޔާއިން ހުއްޓުވައިފި


އިސްރާއީލުން ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ ވައިގެބަނދަރަށް އަމާޒުކޮށްގެން މިސައިލް ހަމަލާތައް ދީފައިވާ ކަމަށާއި، މި ހަމަލާތައް ސޫރިޔާއިން ހުއްޓުވާފައިވާކަމަށް ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ބުނެފިއެެވެ.

ސޫރިޔާގެ އަސްކަރީ އޮފިޝަލަކާ ހަވާލާދީ އެ ޤައުމުގެ ދައުލަތުގެ މީޑިއާ ސަނާއިން ބުނެފައިވަނީ، އިސްރާއީލުގެ މި ހަމަލާތާއް ހުއްޓުވާފައިވަނީ ސޫރިޔާގެ ދިފާޢީ ނިޒާމުތަކުންކަމަށެވެ. އަދި އިސްރާއީލުގެ މި ހަމަލާ ސޫރިޔާއިން ކުށްވެރިކުރާ ކަމަށްވެސް ސަނާއިން ރިޕޯޓްކުރެއެވެ.

2011 ވަނަ އަހަރުއްސުރެ ސޫރިޔާގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ވަނީ އެތައް ފަހަރެއްގެ މަތިން އެގައުމުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފައެވެ. އިސްރާއީލުން މީގެ ކުރިން ބުނެފައިވަނީ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އީރާނުގެ ފައުޖުތަކުގެ ސަބަބުން އިސްރާއީލަށް ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމަތްވުމަށް ކަމަށެވެ.

މި ގޮތުން، އީރާނުން ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތަށް ހަތިޔާރު ފޯރުކޯށްދިނުމުގެ މަސައްކަތްތައް ސޫރިޔާގެ ތެރޭގައި ކުރާކަމަށް އިސްރާއީލުން ވަނީ ތުހުމަތުކޮށްފައެވެ. އިސްރާއީލުން އެންމެ ފަހުން ސޫރިޔާއަށް ހަމަލާތައް ދިން ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.