ޚަބަރު

ރައީސްގެ އަނބިކަނބަލުން ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާޙީމް ފަށްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން ލ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ލ. އަތޮޅުގެ ރަށްތަކަށް ކުރެއްވި މި ދަތުރުފުޅަކީ ދޮށީ ޢުމުރުގެ ރައްޔިތުންނާއި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި ޢާއްމު ރައްޔިތުންގެ ޙާލުއަޙުވާލު ބެއްލެވުމަށް އެކަމަނާ ކުރައްވާ ޚާއްޞަ މަސައްކަތްޕުޅުގެތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި އެކަމަނާ ވަނީ ލ. އަތޮޅުގެ 6 ރަށަކަށް ވަޑައިގެންފައެވެ. އެގޮތުން އެއަތޮޅު އިސްދޫ، ކަލާދޫ، މާވަށް ، ދަނބިދޫ، ކުނަހަންދޫ އަދި މުންދުއަށް ވަޑައިގެންނެވިއެވެ. ރައީސްގެ އަނބިކަނބަލުން ވަނީ ވަޑައިގެންނެވި ހުރިހާ ރަށެއްގައި ދިރިއުޅޭ ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރަމުންއަންނަ މީހުންނާ ބައްދަލުކުރައްވާ އެމީހުންގެ ހާލު ބައްލަވާފައެވެ. އަދި އެމީހުންނަށް ދެމުންދާ ފަރުވާގެ ތަފްޞީލުވެސް އެކަމަނާވަނީ ހޯއްދަވާފައެވެ. އެއަށްފަހު އެކަމަނާ ވަނީ އެ ރަށްތަކުގެ ޢާއްމުރައްޔިތުންނާއި އިސްރަށްވެހިންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

މިގޮތުން މި ދަތުރުފުޅުގައި ދަނބިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ އެ ރަށުގެ މަސްވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި ކަންތައްތަކެއް ކުރައްވާނެކަމަށާއި ލ. އަތޮޅުގެ ތަރައްޤިއަށް މަސއްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދެވަނަ ދައުރަށް ހޮވިވަޑައިގެންފިނަމަ ރާއްޖެއަށް އިތުރު ތަރައްޤީގެނެސް މި ސަރަޙައްދުގައި ފާހަގަކޮށްލެވޭ ޤައުމަކަށް ހައްދަވާނެކަމަށެވެ.

މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުވެސް ބައިވެރިވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި މޫސާމަނިކު ވަނީ އެމްޑީޕީގެ ސަރުކާރަކުން ރާއްޖެއަށް އެއްވެސް ތަރައްޤީއެއް ނުގެނެވޭނެކަމަށާއި ރާއްޖެއަށް އިތުރު ތަރައްޤީ ގެންނަން ބޭނުންވާނަމަ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަންޖެހޭކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ޔާމީނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާޙީމް ގެ ދަތުރުފުޅުގައި އެންމެ ފަހު މަންޒިލަކަށް ވަޑައިގެންނެވީ ލ. މުންދުއަށެވެ. އެކަމަނާ ވަނީ މި ރަށުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާފައެވެ. ރައީސްގެ އަނބިކަނބަލުން ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާ ރަށްތަކުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.