ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްޞަ ޖަލްސާއެއް މިރޭ ވިލިމާލޭގައި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްޞަ ޖަލްސާއެއް މިރޭ ވިލިމާލޭގައި އޮންނާނެކަމަށް ވެރިކަން ކުރާ ޕާޓީ، ޕީ.ޕީ.އެމުން ބުނެފިއެވެ.

ޕީ.ޕީ.އެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ޙުސެއިން މަނިކު ވިދާޅުވީ، ރައީސް ޔާމީންގެ ރިޔާސީ 2 ވަނަ ދަޢުރެއްގައި ވިލިމާލެއަކީ ޙާއްސަ އަޙައްމިއްޔަތުކަމެއް ދެއްވައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދެއްކަމުން، އެ ދާއިރާ ތަރައްޤީކުރުމުގައި އެމަނިކުފާނުގެ ތަޞައްވުރު މިރޭގެ ޖަލްސާގައި ހާމަކުރައްވާނެކަމަށެވެ. އަދި މިއީ ވިލިމާލޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ޖަލްސާއެއްކަމަށާއި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދުކުރައްވާ ފަރާތްތަކަށްވެސް މިރޭގެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތުދޭކަމަށެވެ.

ރައީސް ޔާމީނަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދާއި، ޕީ.ޕީ.އެމްގެ އަސްލު ސައިޒު ދައްކާލުމަށް މިމަހުގެ 17 ވަނަ ދުވަހު ބާއްވާ ބޮޑު ޖަލްސާއަށް އިޝާރާތްކުރައްވާ ނިޙާން ވިދާޅުވީ، މިއީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ޖަލްސާއަށް ހެދުމަށް އެޕާޓީން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މި ޖަލްސާގައި ޕީ.ޕީ.އެމްގެ ރަސްމީ މެނިފެސްޓޯ އިޢުލާން ކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޕީ.ޕީ.އެމްގެ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން މި ޖަލްސާގައި ބައިވެރިވާނެކަން ނިޙާން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށާއި ސަރުކާރަށް ތާޢީދުކޮށް އެކި ރަށްރަށުގައި ގިނަ ހަރަކާތްތަކެއް ބާއްވަމުންދާކަން ފާހަގަކޮށްލެވޭ.