ޚަބަރު

ޣައްޒާގައި މުޒާހަރާކުރި 3 މީހަކު މަރާލައިފި


ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި މުޒާހަރާކުރި ފަލަސްތީނުގެ އެތައް ހާސް ބައަކަށް އަމާޒުކޮށް އިސްރާއީލުން ބަޑިޖަހައި ފަލަސްތީނުގެ 3 މީހުން ޝަހީދުކޮށް 84 މީހުން ޒަޚަމްކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނީ ފަލަސްތީނުގެ ރެފިއުޖީން އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ޙައްޤު ދިނުމަށް ގޮވާލައި ޣައްޒާ އާއި އިސްރާއީލު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި މުޒާހަރާކުރި ފަލަސްތީނުގެ އެތައް ހާސް ބައަކަށް އަމާޒުކޮށް އިސްރާއީލު ސިފައިން ބަޑިޖެހުމުން އޭގެތެރެއިން 3 މީހުން ޝަހީދުވެ، 84 މީހުން ޒަޚަމް ވެފައިވާކަމަށެވެ.

ޒަޚަމުވި މީހުންނަށް ފަރުވާދިނުމަށް ޣައްޒާގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށްވެސް ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ.

ފަލަސްތީނުގެ ރެފިއުޖީން އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ހައްގު ދިނުމަށް އެދި ގޮވާލައި ފަލަސްތީނުގެ ރައްޔިތުން މުޒާހަރާކުރަމުން ގެންދާތާ ހައެއްކަ މަސްދުވަސް ވެފައިވާއިރު، މި މުޒާހަރާތަކުގެ ބައިވެރިންނާ ދިމާއަށް ބަޑިޖަހައިގެން އިސްރާއީލުން ވަނީ، ފަލަސްތީނުގެ 188 މީހުން ޝަހީދުކޮށް ފަނަރަ ހާހަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ.