ޚަބަރު

ސޫރިޔާގެ ބޯޑަރު ސަރަޙައްދަށް ތުރުކީގެ އަސްކަރީ ހަތިޔާރު ޖަމާކުރަނީ


ތުރުކީވިލާތާއި ސޫރިޔާ ގުޅިފައިވާ ސަރަހައްދީ ރޮނގުގެ ބައެއް ސަރަހައްދުތަކަށް ތުރުކީވިލާތުން ބަރުހަތިޔާރު ޖަމާކުރަމުން ގެންދާކަން އެ ޤައުމުން ހާމަކޮށްފިއެވެ. ތުރުކީ ސިފައިންގެ ލަޝްކަރުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ދިފާޢީގޮތުން އަޅާފިޔަވަޅުތަކެއް ކަމަށެވެ.

ތުރުކީވިލާތާއި ސޫރިޔާ ގުޅިފައިވާ ސަރަހައްދީ ރޮނގުގެ ކައިރިއަށް ތުރުކީ ސިފައިން ހަތިޔާރު ޖަމާކުރާއިރު، ސޫރިޔާ ސަރުކާރުގެ ބާރު ނުހިނގާ ސޫރިޔާގެ ކުރުދީ ސަރަހައްދުތަކުގައިވެސް ތުރުކީ ސިފައިންގެ އެތައް ހާސް ސިފައިންނެއް ހަރަކާތްތެރިވަމުންދެއެވެ. ސޫރިޔާގެ ހުޅަނގު އުތުރުގެ ބައެއް ސަރަހައްދުތަކަށް އަރައި އެ ސަރަހައްދުތަކުގައި ސޫރިޔާގެ ކުރުދީ ޖަމާއަތްތަކާ ދެކޮޅަށް ތުރުކީގެ ސިފައިން ހަރަކާތްތެރިވަމުންދަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައެވެ. ސޫރިޔާގެ ކުރުދީ ބާޣީ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ތުރުކީވިލާތުން ދެކެއެވެ. އަދި އެ ޖަމާއަތްތަކުން ތުރުކީގެ މިނިވަންކަމާއި އިސްތިގްލާލަށް ނުރައްކާ ކުރާކަމަށްވެސް ތުރުކީވިލާތުން ތުހުމަތު ކުރެއެވެ.

އެހެންނަމަވެސް ސޫރިޔާ ސަރުކާރުގެ ހުއްދަ ހޯދައި ސޫރިޔާ ސިފައިންނާ ގުޅިގެން ކުރުދީ ޖަމާއަތްތަކާ ހަނގުރާމަ ކުރުމުގެ ބަދަލުގައި ތުރުކީވިލާތުން ގެންދަނީ، ސޫރިޔާގެ ހުއްދައަކާނުލައި އެ ޤައުމަށް ވަދެގަނެ، ކުރުދީ ޖަމާއަތްތަކާ ހަނގުރާމަކުރަމުންނެވެ. ސޫރިޔާގެ އުތުރަށް ތުރުކީ ސިފައިން ވަދެގަނެ ހަނގުރާމަ ކުރަމުންގެންދާތާ 6 މަސްވެފައިވީއިރުވެސް ސޫރިޔާގެ ކުރުދީ ޖަމާއަތްތަކުގެ މައްޗަށް ތުރުކީ ސިފައިންނަށް މާބޮޑު ކާމިޔާބެއް ހޯދިފައެއްނުވެއެވެ.

ތުރުކީވިލާތާއި ސޫރިޔާ ގުޅިފައިވާ ސަރަހައްދީ ރޮނގުގެ ކައިރިއަށް ތުރުކީ ސިފައިން ހަތިޔާރު ޖަމާކުރަނީ ކުރުދީ ހަނގުރާމަވެރިން ސަރަހައްދީ ރޮނގު ހުރަސްކޮށް ތުރުކީއަށް ވަދެގަތުމުގެ ބިރު އޮތުމުންކަމަށް އެ ޤައުމުން ބުނެއެވެ. ސޫރިޔާ ސިފައިން އިދްލިބް މިނިވަން ކުރުމަށް ފަށަން ތައްޔާރުވާ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިޔާގެ ގިނަ އަދަދެއްގެ ރެފިއުޖީން ތުރުކީވިލާތަށް ވަންނާނެކަމަށް އެ ޤައުމުން ލަފާކުރާއިރު އޭގެތެރޭގައި ކުރުދީ ހަނގުރާމަވެރިން ތިބެދާނެ ކަމުގެ ބިރު ތުރުކީވިލާތުން އިޙްސާސްކުރެއެވެ.

މިކަމަށްޓަކައި ތުރުކީވިލާތުން ގެންދަނީ އިދްލިބް މިނިވަންކުރުމުގެ ހަނގުރާމަ ނުފެށުމަށް އެދި، ރަޝިޔާއާއި އީރާން މެދުވެރިކޮށް ސޫރިޔާ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. މިކަމަށްޓަކައި ތުރުކީ، އީރާން، އަދި ރަޝިޔާގެ އިސްވެރިންގެ ސަމިޓެއް ދާދިފަހުން ތެހެރާންގައި ބޭއްވިނަމަވެސް ތުރުކީވިލާތް ބޭނުންވާ މަޤްޞަދު އެ ސަމިޓުން ޙާސިލް ވެފައެއް ނުވެއެވެ. ތުރުކީވިލާތަކީ އިދްލިބްގައި ފައިހަރުކޮށްލައިގެން ތިބި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރެއިން ބައެއް ޖަމާއަތްތަކަށް ތުރުކީވިލާތުން އަސްކަރީ އެހީ ފޯރުކޮށްދޭކަމަށް ސޫރިޔާއިން ތުހުމަތުކުރެއެވެ.

އިދްލިބްގެ މައްސަލަ ސުލްޙަވެރިކަމާއެކު ހައްލުކުރުމާބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނާއި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން އަންނަ ހަފުތާގެ ކުރީކޮޅު ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.