ޚަބަރު

ސްރިލަންކާގެ ސީ.އައި.އާރު.ޕީން ދިވެހިންނަށް ޚާއްޞަ ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް!


ސްރިލަންކާގެ ކޮލަމްބޯ އިންސްޓިޓިއުޓް އޮފް ރިސަރޗް އެންޑް ސައިކޮލޮޖީ، ސީ.އައި.އާރު.ޕީއިން ދިވެހި ދަރިވަރުންނަށް ގިނަ ޢަދަދެއްގެ ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ އިންސްޓިޓިއުޓުން މި ފުރުޞަތުތައް ހުޅުވާލާފައިވަނީ ސްރިލަންކާގައި ހުންނަ ދިވެހި އެމްބަސީން ސޯސަން ވިލާގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ، އެމް.އީ.ސީ.ސީއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ. އަދި ސީ.އައި.އާރު.ޕީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ އިންސްޓިޓިއުޓްގެ ކޮލިންސް ގްރޫޕުގެ ޗެއަރމަން ޑރ. ދަރްޝަން ޕެރޭރާއެވެ.

މި އެއްބަސްވުމުގެ ދަށުން، އެއްވެސް ޚަރަދެއް ނުކޮށް ބައިވެރިވެވޭ ފުލް ސްކޮލަރޝިޕްގެ ގޮތުގައި 20 ސްކޮލަރޝިޕާއި، ކޯސް ފީއިން 40 އިންސައްތަ ޑިސްކައުންޓް ލިބޭގޮތަށް 34 ސްކޮލަރޝިޕްގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް އެ އިންސްޓިޓިއުޓުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ސްކޮލަރޝިޕްތައް ދޭން ނިންމާފައިވާ ދާއިރާތަކަކީ، އިންޓަރނޭޝަނަލް ފައުންޑޭޝަން ޑިޕްލޮމާއާއި، ޑިޕްލޮމާ އޮފް ހަޔަރ އެޑިއުކޭޝަން އިން ސައިކޮލޮޖީއާއި، ޑިޕްލޮމާ އޮފް ހަޔަރ އެޑިއުކޭޝަން އިން ބިޒްނަސް އަދި ޑިޕްލޮމާ އޮފް ހަޔަރ އެޑިއުކޭޝަން އިން ހޮސްޕިޓާލިޓީ ދާއިރާއެވެ.

މި ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ޚާއްޞަކޮށްގެން ހުޅުވާލީ، ދިވެހި ސަރުކާރުން މަތީ ތަޢުލީމު ކުރިއެރުވުމަށް ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އެކަމަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުންކަމަށް ސްރިލަންކާގެ ކޮލަމްބޯ އިންސްޓިޓިއުޓް އޮފް ރިސަރޗް އެންޑް ސައިކޮލޮޖީން ބުނެއެވެ. ސީ.އައި.އާރު.ޕީއަކީ އިނގިރޭސިވިލާތުގެ ކޮވެންޓްރީ ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް ފައުންޑޭޝަން ޑިޕްލޮމާއިން ފެށިގެން މާސްޓަރސް ފެންވަރަށް ގިނަ ޕްރޮގްރާމުތަކެއް ކާމިޔާބުކަމާއެކީ ހިންގަމުން އަންނަ ތަނެކެވެ.

ކުރިއަށްއޮތް ތަނުގައިވެސް މިފަދަ އެހެން ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއެކު ގުޅުން ބަދަހިކޮށް ދިވެހި ދަރިވަރުންނަށް ގިނަ ޢަދަދެއްގެ ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ސްރިލަންކާގައި ހުންނަ ދިވެހި ސަފީރު މުޙައްމަދު ޙުސެއިން ޝަރީފު ވަނީ ވިދާޅުވެފައެވެ.