ޚަބަރު

ފުވައްމުލައް ސިޓީގެ ހުރިހާ މަގުތައް ތަރައްޤީކޮށް ޒަމާނީ ސިޓީއަކަށް ހަދާނަން - ރައީސް


ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއް ތަރައްޤީކޮށް ޒަމާނީ ސިޓީއަކަށް ފުވައްމުލައް ސިޓީ ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ބޭއްވި ޚާއްސަ ޖަލްސާގައި އެސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ފުވައްމުލަކުގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި ފުވައްމުލަކުގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުން، ޒަމާނީ ސިޓީއަކަށް ފުވައްމުލަކު ބަދަލުވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓްގެ މެނިފެސްޓޯއެއް ނެތްކަމަށެވެ. އަދި އެފަރާތްތަކުގެ މެނިފެސްޓޯއެއް އޮތްނަމަ އާ ކަންތައްތަކެއް އިޢުލާންކުރާނެކަމަށާއި، މިހާތަނަށް އެމްޑީޕީން އިޢުލާންކުރަމުން އަންނަނީ ރައީސް ޔާމީން އިޢުލާންކުރެއްވި މަޝްރޫޢުތައްކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔާސީ ދައުރަށް އެމަނިކުފާނު ގެންގުޅުއްވާ މެނިފެސްޓޯއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ކަންކަން އެކުލަވާލުމަށް 6 މަސް ދުވަސް ހޭދަކުރަންޖެހުނުކަމަށާއި، މިމަހުގެ 17 ވަނަ ދުވަހު މެނިފެސްޓޯ ޢާއްމުކުރައްވާނެކަމަށެވެ. އަދި ކުރީގެ މެނިފެސްޓޯގައި ހުރި ކަންކަން އައު މެނިފެސްޓޯގައި ހިމަނާފައިނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެމަނކުފާނުގެ އައު މެނިފެސްޓޯގައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޚާއްޞަ ގިނަ ސިޔާސަތުތަކެއް ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކުނި ނައްތާލުމުގެ މައްސަލައަށްވެސް ޚާއްޞަ އިސްކަމެއްދީގެން މެނިފެސްޓޯގައި ހިމަނާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުނިން ހަކަތަ އުފައްދާނެކަމަށް. މީގެ އިތުރުން ތަރުކާރީއާއި ގޮވާމުގެ ފަސް ބާވަތެއް ރާއްޖޭގައި އުފައްދާ ތަކެއްޗަށް ހައްދަވާ، އިމްޕޯޓްކުރުން ހުއްޓާލާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތަށް މިސަރުކާރުން ގިނަ ރަށްތަކެއް ދޫކުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް 30 ރިސޯޓެއް އަލަށް ނެރެ އެތައް ސަތޭކަ ގެސްޓް ހައުސްއެއް ޚިދުމަތަށް ނެރެފައިވާކަމަށެވެ. އަދި ޒުވާނުންނަށް މިއަދު ބޭނުންވަނީ ޓޫރިޒަމްގެ ދާއިރާއިން ވަޒީފާކަމަށާއި އެއްލައްކައާއި ހަމައަށް ޒުވާނުންނަށް އައު ވަޒީފާ އުފައްދާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގިނަ ޢަދަދެއްގެ ޒުވާނުން ޕީޕީއެމަށް ގުޅުނު މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ތަނެއްގެ ހާލަތު ބަދަލުކުރުމުގައި ޒުވާނުންގެ ދައުރު ބޮޑުކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ޒުވާނުންގެ ވާހަކަ ދައްކާއިރު ޒުވާނުންނަކީ ތިބި ބައެއްކަމާއި ޒުވާނުންގެ ސަރުކާރެއް އުފެއްދީ މިސަރުކާރުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިސަރުކާރުން ފުވައްމުލަކުގެ ތަރައްޤީއަށް މިހާތަނަށް 1100 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، ނަމަވެސް 2013 ގެ ކުރީގެ ފަސް އަހަރުގައި ހޭދަކޮށްފައިވަނީ 26 މިލިއަން ރުފިޔާކަމަށް ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތް ޚާއްސަ ޖަލްސާގައި ފުވައްމުލަކު ސިޓީން ވަނީ ގިނަ އަދަދެއްގެ ޒުވާނުންތަކެއް ޕީޕީއެމްއާ ގުޅިފައެވެ.