ޚަބަރު

ރައީސްގެ އަނބިކަނބަލުން ލ. އަތޮޅަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ކުރިއަށްގެންދަވާ އެންމެ ގާތުން ކެމްޕޭންގެ ދަށުން ލ. އަތޮޅަށް ވަޑައިގެންފިއެވެ.

އެންމެ ގާތުން ކެމްޕެއިންގެ ދަށުން އެކަމަނާ ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މުޖުތަމައުގެ އަޅާލުން ބޭނުންވެފައިވާ ފަރާތްތަކާއި، އިސްރަށްވެހިންގެ ހާލު ބައްލަވާލެއްވުމުގެ އިތުރުން ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު އިތުރުކުރެއްވުމަށް ސިޔާސީ ބައެއް ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުފުޅުގައި އެންމެ ފުރަތަމަ އެކަމަނާ ވަޑައިގެންނެވީ އެއަތޮޅު އިސްދޫއަށެވެ. އެއަށްފަހު ލ. ކަޅައިދުއަށްވެސް މިއަދު އެކަމަނާ ވަނީ ވަޑައިގެންފައެވެ. މި ދެ ރަށުގެ ރައްޔިތުންވެސް އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ.

މިދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުންވަނީ ލ. އިސްދުއާއި ކަޅައިދޫގައި ދިރއުޅޭ ޚާއްޞައެހީއަށް ބޭނުންވާ މީހުންނާ ބައްދަލުކުރައްވާފައެވެ. އަދި އެމީހުންގެ ހާލު ބައްލަވައި ވަގުތުން ވަގުތަށް ދެވެން ހުރި ފަރުވާގެ ތަފްސީލާއި، މިހާރު އެމީހުންނަށްކުރަމުންގެންދާ ފަރުވާގެ ތަފްސީލް އެކަމަނާ ހޯއްދެވިއެވެ. އަދި އެކަމަނާ ވަނީ މި ދެރަށުގެ އިސްރަށްވެހިންނާއި، ޒުވާނުންނާއި ޢާންމު ރައްޔިތުންނާއެކު ވަގުތު ހޭދަކުރައްވައި އެމީހުންގެ ކަނބޮޑުވުންތައް އަޑުއައްސަވާފައެވެ.

މީގެއިތުރުން ރައީސްގެ އަނބިކަނބަލުން ވަނީ ލ. ކަޅައިދޫ ޕީޕީއެމް ޖަގަހަވެސް ހުޅުއްވައިދެއްވާފައެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމައެކު ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.