އިދިކޮޅު ފަރާތްތަކުން މެނިފެސްޓޯ އެކުލަވާލާފައިވަނީ ވަކި ބައެއްގެ ވިސްނުމާއި ޚިޔާލުގެ މައްޗަށްކަމަށާއި މިކަމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙުމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއެޖެއެވެ.
ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އިދިކޮޅު އިއްތިޙާދުން ވައުދުތައް ވަނީ އަދާލަތު ޕާޓީ ގެންގުޅޭ ވިސްނުމާއި ޚިޔާލާއި ތަފާތުކޮށްކަމަށެވެ. އަދި އަދާލަތު ޕާޓީއަކީ ރާއްޖޭގައި އިސްލާމީ އުޞޫލުތަށް ދެމެހެއްޓުމުގެ މާތް މަޤުޞަދުގައި އުފައްދާފައިވާ ޕާޓީއެއްކަން ފާހަގަކުރައްވާ ނިހާން ވިދާޅުވީ، މި އުޞޫލުތައް ރަމްޒުކޮށްދޭ އެއްވެސް ވަޢުދެއް އިދިކޮޅު އިއްތިހާދުގެ މެނިފެސްޓޯއިން ފެނިގެން ނުދާކަމަށެވެ.
ޕީޕީއެމްގެ މެނިފެސްޓޯ ކަރުދާހުގައި ޗާޕުކޮށްފައި އޮތް މަންޒަރު ފެންނަން ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ރައްދުދެއްވަމުން ނިހާން ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނޭ ހުރިހާ ވަޢުދެއް އެ ޕާޓީގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ.
ނިހާންގެ ވާހަކަފުޅުގައި ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅަން އުޅޭކަމަށް ބުނެ ފެތުރި ޚަބަރުތަކަކީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގި އަމަލުތަކެއްކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިކަމުގެ ތެދުދޮގު އީޔޫއިން ނެރެފައިވާ ރަސްމީ ބަޔާނުން ހާމަވެގެންގޮސްފައިވާކަން ނިހާން ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވަނީ ޕީޕީއެމުން އިންތިޚާބުގެ އުޞޫލުތަކާއި ޚިލާފަށް އެއްވެސް އަމަލެއް ނުހިންގާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.