ޚަބަރު

އައްޑޫސިޓީ ފޭދުއާއި، މަރަދޫ، މަރަދޫ-ފޭދުގައި ކުރިއަށްގެންދިޔަ 5 މަޝްރޫޢުއެއްގެ ކާމިޔާބީ ފާހަގަކޮށްފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް، އައްޑޫސިޓީ ފޭދުއާއި، މަރަދޫ، އަދި މަރަދޫ-ފޭދޫގައި ސަރުކަރުން ކުރިއަށްގެންދިޔަ މުހިންމު 5 މަޝްރުޢުއެއްގެ ނިމުން ފާހަގަކުރައްވައިފިއެވެ.

ރައީސް ޔާމީން މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވާފައިވަނީ އެމަނިކުފާނު އައްޑޫސިޓީއަށާއި ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ. މި ދަތުރުފުޅުގައި ރައީސްވަނީ ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ނިޒާމުގެ މަސައްކަތާއި، ފޭދޫގެ ނަރުދަމާ ނިޒާމާއި އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވާފައެވެ.

ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ރައްޔިތުންނަށް ސާފު ފެނުގެ ނިޒާމު ޤާއިމުކޮށްދިނުމުގެ މަޝްރޫޢުއަކީ ސަރުކާރުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރުޢުގެދަށުން އެ ރަށްތަކުގައި 1000 ޓަނުގެ ޑީސެލިނޭޝަން ޕްލާންޓަކާއި، ފެން ރައްކާކުރުމަށް 250 ޓަނުގެ ތާންގިއެއްވެސް ވަނީ ބަހައްޓާފައެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެދަށުން އެރަށުގެ 1888 ގޭބިސީއަށްވަނީ ފެނުގެ ޚިދުމަތް ގުޅާދީފައެވެ.

މީގެއިތުރުން ސ.ފޭދޫ ނަރުދަމާއާއި ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވާފައިވާއިރު، މި މަޝްރޫޢުގެ ދަށުން 50 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި އެ ސަރަޙައްދު ޙިމާޔަތްކުރުމަށް 2.1 ކިލޯމީޓަރުގެ ސަރަޙައްދެއްގައިވަނީ ރިވެޓްމަންޓްޖަހައި ޙިމާޔަތްކޮށްފައެވެ. 2015 ވަނަ އަހަރުގެ ނޮވެމްބަރުމަހު ފެށި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގައެވެ. މިއީ ދަޢުލަތުން 173 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

ސ.ފޭދޫގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ދަށުން 6 ޕަމްޕް ސްޓޭޝަން ބަހައްޓައި، 13.6 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއްވަނީ އަޅާފައެވެ. އަދި 620 މީޓަރުގެ އައުޓްފޯލް ހޮޅިއެއްވެސް ވަނީ އަޅާފައެވެ.

43 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން އެރަށުގެ 999 ގެއަށްވަނީ ނަރުދަމާގެ ޚިދުމަތްދޭން ފަށާފައެވެ.