ޚަބަރު

3 ރަށަކުން ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ތިން ރަށަކުން ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި 3 ރަށަކީ ހދ. ހަނިމާދޫއާއި، ގދ. ތިނަދޫއާއި ލ. ގަމެވެ.

މީގެ ތެރެއިން ހދ. ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 200 ގޯއްޗެވެ. އަދި ގދ. ތިނަދޫއިން 150 ގޯތިދޫކުރުމަށް ނިންމާފައިވާއިރު، ލ. ގަމުން ދޫކުރުމަށް ހަމަޖެހިފައިވަނީ 400 ގޯއްޗެވެ. މި 3 ރަށުންވެސް ގޯތިދޫކުރުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ ކެޓަގަރީއާއި، ހުރިހާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީންނެވެ.

މި ގޯތިތަކަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއްކަމުގައިވުން، އުމުރުން 18 އަހަރުވެފައިވުން، އަދި ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ، ބަންޑާރަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން ހިމެނެއެވެ.

600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާނަމަ، "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދު" އާއި އެއްގޮތް ވާގޮތުގެމަތިން އެބިން ދޫކޮށްލަން އެއްބަސްވާން ޖެހޭނެކަމަށާއި، އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، އެފަރާތެއްގެ ފޯމު ބާތިލުވާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ގޯތި ލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންކަމަށެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.