ޚަބަރު

ޢަދާލަތު ޕާޓީ އުފެއްދީ އެމްޑީޕީއާއި ދެކޮޅަށް - ޝައިޚް މުޙައްމަދު ދީދީ


އަދާލަތު ޕާޓީ އުފެއްދީ އެމްޑީޕީން ގެންގުޅުނު ދީނާއި ޚިލާފް ކަންކަން އިސްލާޚްކޮށް އެޕާޓީ ހަމަ މަގަށް އަޅުވަން މަސައްކަތް ކުރާނެ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް އަދާލަތު އުފެއްދުމާއި ހަމައިން އެޕާޓީގެ އެއްމެ އިސްމަޤާމްތައް ފުރުއްވާފައިވާ މަޝްހޫރު ދީނީ ޢިލްމްވރިޔާ ޝެއިޚް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީ އުފައްދަން ގިނަ މަސައްކަތްތަކެއް ކުރައްވާ އެ ޕާޓީގެ ޒައީމް ކަމާއި، އިލްމުވެރިންގެ މަޖިލީހުގެ އިސް މަޤާމްތައް ފުރުއްވާފައިވާ އިލްމް ވެރިޔާ ޝެއިޚް މުޙައްމަދު ދީދީ މިހެން ވިދާޅުވީ ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމާއެކު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދ.ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަދާލަތު ޕާޓީއާއި ގުޅޭ ގޮތުން މީގެ ކުރިން އިވިފައި ނުވާ އެތައް ވާހަކަތަކެއް ހާމަކޮށްދެއްވަމުން ޝެއިޚް މުޙައްމަދު ދީދީ ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދި ބޭނުމާއި އެ ޕާޓީ ވުޖޫދަށް ގެނައި މަގުޞަދު އެއަށްވުރެ ބޮޑަށް އެނގިލައްވާނެ ބޭފުޅަކު ނުހުންނާނެ ކަމަށެވެ. އެގޮތުން މިއަދު އެހެން މިޝްރާބަކަށް ދަތުރު ކުރަމުންދިޔަ ނަމަވެސް އަދާލަތު ޕާޓީ އުފެއްދީ ސިދާ އެމްޑީޕީއާއި ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށް ދީދީ ވިދާޅުވިއެވެ.

ދީދީ ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދުމަށް ސޮއި ހަމަ ކުރައްވައި ވަގުތީ ރައީސް ކަމަށް ޝަހީދު ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީގެ ނަން ހަމަޖެއްސެވި ނަމަވެސް އެމްޑީޕީގެ ފަރާތުން ދެމުންދިޔަ މަރުގެ އިންޒާރުތަކާ ގުޅިގެން ޑރ.މަޖީދުގެ ނަން އަނބުރާ ނެންގެވި ކަމަށެވެ. އަދި އަދާލަތު އުފައްދަނީ އެމްޑީޕީއާ ދެކޮޅަށް ކަމަށް މަޖީދާއި އެތައް އިލްމްވެރިންތަކެއް އެތަށް ފަހަރެއްގެ މަތިން މަޝްވަރާ މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދު އަދާލަތު ދަތުރު ކުރަނީ އެހެން މިޝްރާބަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދާލާތު ޕާޓީ އުފެއްދީ އެމްޑީޕީ އުފައްދާތީ އެއާ އިދިކޮޅަށޭ. ކިތައްމެ ފަހަރަކު މަޝްވަރާ މަޖިލީހުގައި. އަޅުގަނޑުމެންގެ ތެރެއިން ކިތައްމެ ބޭފުޅުންނެއް އެހެން ވިދާޅުވި. އެހެން ވެގެންނޭ މި ޕާޓީ މި އުފެއްދީ. އަދި ދައްނަވަންތޯ. ޑރ.އަބުދުލް މަޖީދު އަބުދުލް ބާރީ ޚުދު ވިދާޅުވި. ތިމަން މަނިކުފާނަށް މަރުގެ އިންޒާރު އައޭ. އެއީ ކާކުގެ ފޯނުން ކާކުކަން ވެސް ވިދާޅުވި. އެހެން ނަމަވެސް އަޅުގަނޑު މިތާނގަ އެވާހަކަ ދަންނަވާކަށް ނެތިން. ވަކި މީހަކު. އެކަމަކު އެއީ އެމްޑީޕީގެ ފަރާތުން މަރުގެ އިންޒާރު." ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ކަމަށް ޑރ.މަޖީދު ކުރިމަތިލައްވަން ނިންމާފައި ވަނިކޮށް ޝެއިޚް އިމްރާން އަބްދުﷲ ވެސް ކުރިމަތިލެއްވެވި ކަމަށާއި އެއަށް ފަހު އަދާލަތުގެ ރައީސް ކަމަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ނެތް ނަމަވެސް އެކަން ކުރައްވަނީ ޕާޓީގެ ރައީސް ކަމަށް މަޖީދު ހޮވިވަޑައިގެންފި ނަމަ އަދާލަތު ޕާޓީ އުފެއްދި މަގުޞަދާއި ޚިލާފަށް އެމްޑީޕީގެ އުނގަށް ހިނގައިދާނެތީ ކަމަށް އިމްރާން އޭރު ވިދާޅުވެފައިވާކަން ޝެއިޚް ދީދީ ފާހަގަ ކުރެއްވިއެވެ.

ދީދީ ވިދާޅުވީ އަދާލަތު ޕާޓީ ނަމެއްގައި އޮތް ނަމަވެސް އެ ޕާޓީ އެއްކޮށް ރޫޅިފައި ކަމަށާއި އެހެން ވާން ޖެހުނީ ޕާޓީގެ މިޝްރާބް ބަދަލުވެ މަގުސަދު ގެއްލުމުގެ ސަބަބުން ކަމަށެވެ. އަދި އެޕާޓީ އުފެއްދުމާއި ހަމައިން މުގުލުގައި ތިބެގެން މަސައްކަތް ކުރެއްވި ޕާޓީގެ މުއައްސިސުންނާއި އިސްވެރިން ޕާޓީ ދޫކޮށް ދިއުންވެސް އެއީ ސަބަބެއް ކަމަށާއި އަދާލަތު ޕާޓީގެ އިސް ސަފުގައި ތިބި ގިނަ އިލްމްވެރިން މިހާރު ތިބީ ސަރުކާރާ އެކުގައިކަން ދީދީ ވަނީ ފާހަގަ ކުރައްވާފައެވެ.

ދ.ކުޑަހުވަދޫގައި ތިބި ޕީޕީއެމަށް ތާއިދު ކުރާ ރައްޔިތުން އިސްނަގައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ދީނީ ގިނަ ޢިލްމްވެރިން ބައިވެރިވެ ވަޑައިގެންނެވިއިރު، އެބޭފުޅުން ވަނީ އިދިކޮޅު ކޯލިޝަނާ ދެކޮޅަށް ނުކުމެ މިސަރުކާއި އެއްކޮޅަށް މަސައްކަތް ކުރައްވާ ސަބަބުތައް ބުނެދެއްވާފައެވެ. އެގޮތުން ރައީސް ޔާމީން ދީނަށް ދެއްވާ ހާއްޞަ އަހަމިއްޔަތު ކަމާއި ދީނީ ކަންކަން ކުރެއްވުމަށް ބާރު އަޅުއްވާ މިންވަރު އެ އިލްމުވެރިން ވަނީ ފާހަގަ ކުރައްވާފައެވެ