ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތާއި، މިނިވަންކަމާއި، އަޙްލާޤިއްޔަތު ހިމާޔަތްކުރުމާމެދު އިތުބާރުގެއްލިފައިވާ ބަޔަކާ ރިޔާސީ އިންތިޚާބެއްގައި އެއްކޮޅުވެވޭނެ ޝަރުޢީ ހަމައެއް ނެތްކަމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަލަފް ޖަމިއްޔާގެ ސްޓޫޑިއޯއިން ގެނެސްދޭ އޮނަތިރީސް މިނެޓް ޕްރޮގްރާމުގައި "ޑިމޮކްރަސީއާއި ވޯޓް" މިމައުޟޫއަށް ދެއްކެވި ވާހަކަފުޅުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ސަލަފް ޖަމިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ 2 ކެނޑިޑޭޓުންގެ ތެރެއިން ސަލަފް ޖަމިއްޔާއިން އިޚްތިޔާރު ކުރާނީ ރާއްޖޭގެ އިސްލާމް ދީނާއި، ޤައުމުގެ އިސްތިޤްލާލު ހިމާޔަތްކުރުމުގެ އިތުބާރު އޮތް ކެނޑިޑޭޓަށް ކަމަށެވެ.
ދިވެހިރާއްޖޭގައި އޮތް ސައްތައިން ސައްތަ އިސްލާމްވަންތަކަމާއި، އަމިއްލަވަންތަކަމާއި، އިސްތިޤްލާލާއި އަޙްލާޤިއްޔަތު ޙިމާޔަތްކުރުމާމެދު އިތުބާރުގެއްލިފައިވާ ބަޔަކަށް ރިޔާސީ އިންތިޚާބެއްގައި އެއްކޮޅުވެވޭނެ ޝަރުޢީ ހަމައެއް ނެތްކަމަށާއި، ދެން އިޚްތިޔާރުކުރާނީ އޭގެ އަނެއްކޮޅުކަމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.
ޝައިޚް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ދީނީ ސިޔާސަތަށް ގިނަ ޢިލްމުވެރިންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި އިސްލާމްދީނާ ޚިލާފު ފިކުރުތަކަށް ރާއްޖޭގައި ޖާގަދީ، އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފު އެތައްކަމެއް ކޮށްފައިވާކަމަށް ދީނީ ގިނަ ޢިލްމުވެރިން ތުހުމަތުކުރެއެވެ.
ވޯޓު ލުމަކީ ޙަރާމްކަމެއް ކަމަށްބުނެ ދެކެވޭ ވާހަކަތަކުން މިސާލު ނަންގަވައި ވާހަކަދައްކަވަމުން ޝެއިޚް ވިދާޅުވީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރަނގަޅުކަންކަމަށް ވޯޓު ދިނުމަކީ ކުފުރެއް ނޫންކަމަށެވެ.