ޚަބަރު

ޕީޕީއެމުން ޢާއްމުކޮށް ހުޅުވާލައިގެން މޫދު ކުޅިވަރު ފެސްޓިވަލެއް ބާއްވަނީ


ވެރިކަންކުރާ ޕީޕީއެމުން ޢާއްމުކޮށް ހުޅުވާލައިގެން މޫދު ކުޅިވަރު ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

"ދަ ވަން ފަސްޓް" ގެ ނަމުގައި ބާއްވާ މި ޙަރަކާތަކީ ސެޕްޓެމްބަރު މަހުގެ 15 ވާ ހޮނިހިރު ދުވަހު ބާއްވާ ޙަރަކާތެއްކަމަށާއި، މި ޙަރަކާތުގައި ހުޅުމާލޭގެ މޫދު ކުޅިވަރުތަކުގައި މުޅިން ހިލޭ ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ޕީޕީއެމުން ބުނެއެވެ.

ހޮނިހިރު ދުވަހު ގެ ހެނދުނު 10 އަކުން އިރުއޮއްސި 6 ޖެހުމާއި ހަމައަށް މި ޙަރަކާތް ކުރިއަށްދާނެ ކަމަށް ޙަރަކާތް އިންތިޒާމު ކުރާ ޕީ.ޕީއެމްގެ ހުޅުމާލެ ޓީމުގެ ވޮލެންޓިއަރަ އަދި އިވެންޓް މެނޭޖްމެންޓް ކޮމިޓީ ގެ ޗެއަރމަން މުޙައްމަދު ނިޝާން މަޢުލޫމާތު ދެއެވެ. މި ޙަރަކާތް ހުޅުމާލޭ ގެ ބާބަރކިއު ޞަރަޙައްދުން ފެށިގެން ރެޑްބުލް ޕާކާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ޙަރަކާތުގައި ކޮންމެ މީހަކަށްވެސް ހިލޭ ބައިވެރިވުމުގެ ފުރުޞަތުވަނީ ޕީޕީއެމުން ވަނީ ހުޅުވާލާފައެވެ.

މޫދު ގެ ކުޅިވަރުތަކަށް އާންމުން އަހުލުވެރިކުރުވާ އިޖްތިމާޢީ ގުޅުން ބަދަހިކުރާނެ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ މަޤްޞަދުގައި ޕީޕީއެމުން އިންތިޒާމުކުރާ "ދަ ވަން ފަސްޓް" އަކީ އުފާވެރި، ޢާއިލީ މާޙައުލެއް ގެ ތެރެއިން ގިނަ ޙަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ގިނަ ކުޅިވަރުތަކަށް އަގުހުރި އިނާމު ދިނުމަށް ކަނޑައަޅާފައިވާކަމަށްވެސް ޕީޕީއެމުން ބުނެއެވެ. "ދަ ވަން ފަސްޓް" ގައި ކުރިޔަށްގެންދާ ކުޅިވަރު ތަކުގެ ތެރޭގައި "އަޔަން މޭން ޗެލެންޖް" ، "ސްކެވެންޖަރ ހަންޓް" އަދި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ސޭންޑްކާސަލް ހެދުމާއި، ފައިގަތަޅާ ފަދަ ދިވެހިން ގެ މެދުގައި މަޤްބޫލު ކުޅިވަރުތައް ހިމެނެއެވެ.

"ދަ ވަން ފެސްޓް" ގައި ފޭސްބުކް ސޯޝަލް މީޑިއާގައިވާ އިވެންޓު ގެ ޕޭޖް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް ރެޖިސްޓްރީވުމުގެ ފުރުޞަތު މިހާރުވަނީ ވަނީ ހުޅުވާލާފައެވެ. އަދި މި ޙަރަކާތް އޮންނަ ދުވަހު ގެ ހެނދުނު 10 ޖަހާއިރު ޙަރަކާތް ބާއްވާ ޞަރަޙައްދުންވެސް ރަޖިސްޓްރީވުމުގެ ފުރުޞަތު ލިބޭނެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.