ޚަބަރު

ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން ނޮވެމްބަރު މަހު ކަރަންޓް ދޭން ފަށަނީ


ސަރުކާރުން ފަށާފައިވާ ހަކަތައިގެ ބޮޑު މަޝްރޫޢު "ފިފްތް ޕަވަރ ޕްރޮޖެކްޓް"ގެ ދަށުން އަންނަ ނޮވެމްބަރމަހު ކަރަންޓް ދޭން ފަށާނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސްޓެލްކޯގެ ޑިރެކްޓަރ އަޙްމަދު ސައިފް ވިދާޅުވީ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން ބަހައްޓާ އިންޖީނުތަކުގެ ތެރެއިން 1 އިންޖީނު އަންނަ ނޮވެމްބަރު ކަމުގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމަށާއި، އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެކަމަށެވެ.

ސްޓެލްކޯއިން ބުނީ ސިނަމާލެ ބުރިޖުން މާލެއާއި ހުޅުމާލެ ގުޅާލުމާއެކު ފިފްތް ފަވަރ ޕްރޮޖެކްޓަށް ކުރަންޖެހުނުހޭދަ ވަރަށްބޮޑަށް ކުޑަވެގެންދިޔަކަމަވެ. އެގޮތުން ބުރިޖު ނެތްނަމަ ހުޅުމާލެއާއި މާލޭގެ ކަރަންޓްގެ ވިއުގަ ގުޅާލާ ކޭބަލް ގެންދަން ޖެހޭނީ ކަނޑުން ކަމަށާއި، އެއީ ވަރަށް ބޮޑު ޚަރަދެއްކަން ސްޓެލްކޯއިން ފާހަގަކުރެއެވެ. ސްޓެލްކޯއިން ބުނީ މި ޕްރޮޖެކްޓްގެ ދަށުން މި ނޮވެމްބަރުމަހު ކަރަންޓްދޭން ފެށުމުން މާލޭ ސަރަހައްދުގައިދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިވާނެކަމަށެވެ. އެގޮތުން އިންޖީނު އޯވަރލޯޑްވުން ވަރަށްބޮޑަށް ކުޑަކުރެވޭނެކަމަށް ސްޓެލްކޯގެ ޑިރެކްޓަރ އަޙްމަދު ސައިފް ވިދާޅުވިއެވެ.

"ފިފްތް ޕަވަރ ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނީ އަންނަ ފެބްރުއަރީ މަސްތެރޭގައި، އެކަމަކު އޭގެކުރިން ނޮވެމްބަރ ފަހުކޮޅު އެއް އިންޖީން އޮޕަރޭޝަންގައި ބޭނުންކުރަން ފެށޭނެކަމަށް މިބަލަނީ." ސްޓެލްކޯގެ ޑިރެކްޓަރ އަޙްމަދު ސައިފް ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލޭގެ ކަރަންޓްގެ ވިއުގަ އެއްވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ 79 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ. ޗައިނާގެ ޑޮންގ ފަންގ އިލެކްޓްރިކް ކޯޕަރޭޝަނާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން 50 މެގަވޮޓްގެ ކަރަންޓް އުފައްދާ އިންޖީނުގެއަކާއެކު ތެޔޮ ރައްކާކުރާ ނިޒާމަކާއި، ލޮނުފެން މީރުފެނަށް ބަދަލުކުރާ ނިޒާމެއް ޤާއިމްކުރުމަށް ހަަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރުވަނީ ބުރިޖުމަތީގައި ކޭބަލް ހަރުކުރުމަށް ތައްޔާރުވެފައެވެ. އަދި ކަރަންޓް ދިނުމަށް ބޭނުންވާ އިންޖީންތައް ގެނެސް، ފެން ޕްލާންޓްތަށް ބަހައްޓައި، ފިއުލް ތާންގީތައްވެސް ބަހައްޓާފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ. ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ކޭބަލް ބުރިޖު ހުރަސްކޮށް ގެންދިޔަ ނަމަވެސް ބުރިޖު ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެކަމަށް އެކުންފުނިން ބުނެއެވެ.