ޚަބަރު

އަންދާޒާކުރި ވަރަށްވުރެ މިއަހަރު ދައުލަތަށް ލިބުނު އާމްދަނީ 16 އިންސަތަ އިތުރުވެއްޖެ

މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ ދައުލަތަށް ލިބުނު އާމްދަނީ 16 އިންސަތައް އިތުރުވެއްޖެއެވެ.

މިއަހަރުގެ އޮގަސްޓު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އަންދާޒާކުރި އަދަދަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ޓޫރިސްޓުން ރާއްޖޭއަށް އައިސްފައިވާ މިންވަރު 10 އިންސައްތަ އިތުރުވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސް އިތުރުވުމުންނެވެ.

އޮގަސްޓު 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 529.68 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ 121.80 މިލިއަން ރުފިޔާއާއިއެކު ބީޕީޓީންނެވެ. ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި މިމުއްދަތުގައި 76.70 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 62.97 މިލިއަން ރުފިޔާ، އެއަރޕޯޓް ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 49.26 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 172.32 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޮގަސްޓުމަހު ޑޮލަރުން ލިބުނު އާމްދަނީ 38.5 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.