ޚަބަރު

ކުޅުދުއްފުށި އެއަރޕޯޓްގެ ރަންވޭގެ 1000 މީޓަރުގައި ތާރުއަޅާ ނިމެއްޖެ

ސަރުކާރުން ހދ.ކުޅުދުއްފުށީގައި ހަދާ އެއަރޕޯޓްގެ ރަންވޭގެ 1000 މީޓަރުގައި ތާރުއަޅައި ނިންމާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީންބުނީ ރަންވޭގައި ތާރު ނާޅައި ބާކީއޮތް 200 މީޓަރުގައި ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އޭ.ސީ.ބީ ލޭޔަރ އެޅުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. މީގެ އިތުރުން އެއަރޕޯޓް ހަދާ ސަރަހައްދުގައި ހުރި 4 ގޯއްޗެއް ތަޅާލައި އެ ސަރަޙައްދުގައިވެސް އޭސީބީ ފަށަލައަޅަމުންދާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މިމަހުގެ ތެރޭގައި ކުޅުދުއްފުށި އެއަރޕޯޓްގައި ޓެސްޓް ފްލައިޓް ޖެއްސުމަށް އަމާޒުހިފާފައިވާއިރު މިހާރު މަސައްކަތް ކުރަމުންދާނީ އެއަރޕޯޓްގެ އޭޕްރަންގައި އޭސީބީ ފަށަލަ އެޅުމުގެމަސައްކަތެވެ. އެމްޓީސީސީން ބުނީ ކުޅުއްދުއްފުށީ އެއަރޕޯޓްގެ ރަންވޭގައި ކުރިއަށްއޮތް ދެދުވަހުގެ ތެރޭގައި ތާރު އަޅައި މުޅިން ނިންމާލެވޭނެކަމަށެވެ.

ކުޅުދުއްފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި މުޅިން ނިންމާލާފައިވާއިރު، އެއަރޕޯޓް ހެދުމަށް އެރަށުގެ ފަޅުތެރެއިން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަނެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ކުޅުދުއްފުށި އެއަރޕޯޓުގެ އިތުރުން އެކުންފުނިން ދަނީ ށ.ފުނަދޫ އެއަރޕޯޓް ނިންމުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިގޮތުން މި އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.