ޚަބަރު

ލައިބާ ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ބޮޑު ފަޚުރެއް: ރައީސް


އަރުމޭނިއަން ޔޫތު އޯޕަންގައި ވާދަކޮށް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ބޮޑު ފަޚުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ލައިބާ ވަނީ އަރުމޭނިއަން ޔޫތު އޯޕަންގައި ވާދަކޮށް 3 ރަން މެޑަލް ހޯދާފައެވެ. މިއީ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއްގެ ޖޫނިއާ ކެޓަގަރީން ރާއްޖެއަށް ރަން މެޑައްޔެއް ހޯދުނު ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަގްވާމި މުބާރާތަކުން 3 ރަން މެޑަލް ޙާޞިލްކޮށްފައިވާތީ ލައިބާ އަށް މަރުހަބާ ވިދާޅުވެ، ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ "ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް" ކަމަށެވެ.

އަދި ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ރައީސް ވަނީ ހިތްވަރު ދެއްވާފައެވެ.

12 އަހަރުގެ ލައިބާ ވަނީ އަރުމޭނިއާގައި ކުރިޔަށްދާ އަރްމޭނިއަން ޔޫތް އޯޕަން 2025 ގައި ސިންގަލްސް އަދި ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓުން ރަން މެޑަލް ހާސިލްކޮށްފައެވެ.

މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ. އޭނާ އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ޔޫރަޕްގެ މުބާރާތްތަކުގައި ބައިވެރިވެ ލައިބާ ވަނީ 5 ރިހި މެޑަލް އަދި 15 ލޯ މެޑަލް ހާސިލްކޮށްފައެވެ.