ޚަބަރު

އިދިކޮޅުން ގެންނަން އުޅޭ އިންތިޤާލީ ސަރުކާރު ރައްޔިތުން ބޭނުމެއްނުވޭ - ޑރ. ޝަހީމް


އިދިކޮޅު އެމްޑީޕީން ގެންގުޅެނީ ދިވެހިންނަށް ފަރިތަ ފަލްސަފާއެއް ކަމަށާއި، އެ ފަލްސަފާގެ ދަށުން އިދިކޮޅު ކޯލިޝަނުން ގެންނަން އުޅޭ އިންތިޤާލީ ސަރުކާރު މި ރާއްޖެއަށް ބޭނުންނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިން މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ދ އަތޮޅު ބަނޑިދޫއަށް ވަޑައިގެން އެރަށުގައި ރައީސް ޔާމީންގެ ކެމްޕެއިން ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ކޯލިޝަން ސަރުކާރެއް ޤާއިމްވެއްޖެނަމަ ޤައުމަށް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެ ހުރިހާ ކަމެއްގެ ނޭދެވޭ އަސަރަކާއި ހިތާމަ ތަހައްމަލް ކުރަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން އުޅެނީ އިންތިޤާލީ ސަރުކާރެއް ޤާއިމްކުރަން ކަމަށާއި އެއީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

"އެމްޑީޕީން ގެންގުޅެނީ ދިވެހިރާއްޖެއަށް ފަރިތަ ފަލްސަފާއެއް. މިހާރު އެބޭފުޅުން އެ ވިދާޅުވަނީ ދޮޅު އަހަރަށޭ ވެރިކަން ކުރާނީ. އިންތިޤާލީ އަދާލަތެކޭ ތިމަންނަމެން ޤާއިމް ކުރާނީ. މިހާރު ދިވެހިރާއްޖެއަށް އިންތިޤާލީ ސަރުކާރެއް ބޭނުމެއްނޫން. މިތަނަށް ބޭނުންވަނީ ދާއިމީ ސަރުކާރެއް. ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން. ފުރިހަމަ ދައުރެއް ހަމަވަންދެން ކުރިއަށް ގެންދެވޭނެ ސަރުކާރެއް." ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ކޯލިޝަނެއްގެ ނަމުގައި އިދިކޮޅުގައި މަސައްކަތް ކުރަނީ އަދާވާތްތެރިންތަކެއް ކަމަށާއި، އެމީހުންނަކީ އެއްގަލަކަށް އަރައިގެން އެކުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކެއް ނޫންކަން ތާރީޚު ހެކިދޭނެކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުގެ ކެމްޕެއިން ތަކުގައި މިހާރު ކޮންމެފަދަ ވާހަކައެއް ދެއްކިނަމަވެސް އެފަރާތްތަކުގެ މެދުގައި އިޚުލާސްތެރިކަމެއް ނެތްކަން މިހާރުވެސް ފެންނަ މަންޒަރުތަކުން ރައްޔިތުންނަށް އެނގޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ބައެއް ކަންކަމުގައި ޚިޔާލުތަފާތުވުންތައް އުޅޭތަން ރައްޔިތުންނަށް ފެންނާނެކަމަށާ، ތަފާތު ފިކުރުތަކުގެ މައްޗަށް އެކުލެވޭ ޕާޓީތަކުގެ މެދުގައި އުފެދޭ ސަރުކާރު ތަކަކީ ދެމި އޮންނާނެ ސަރުކާރުތަކެއް ނޫންކަން ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ.

"މިއަދު ކޯލިޝަނަށް ބަލާލާއިރު އަޅުގަނޑުމެންނަށް އެބަފެނޭ ތަފާތު މިޒާޖުތަކެއް. އަދާވާތްތެރިންގެ މައްޗަށް އެކުލެވޭ ކޯލިޝަނެކޭ އަޅުގަނޑު މީގެ ކުރިން ޖަލްސާއެއްގައިވެސް ދަންނަވާފައިވާނެ. ސަރުކާރު ހިންގަން އެމީހުނަށް ލިބުނަސް ރަނގަޅު ގޮތުގައި އެމީހުނަށް ސަރުކާރު ރަނގަޅަކަށް ނުހިންގޭނެ. އެމީހުންގެ ތެރޭގައި އޮންނާނީ ބައިބައިވުން. އެއްބަޔަކު އަނެއް ބަޔަކު ތަޅާފޮޅުން. ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް އެއީ ކުޅެދޭ ބަޔަކަށް ނުވާނެ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ސަރުކާރަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޑރ. ޝަހީމް ވިދާޅުވީ ސާބިތު ނުހިފޭ ވާހަކަ ދައްކައިގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރުމަކީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެއީ ދީނީ ގޮތުންވެސް ހުއްދަ ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅަތަކުން މީހުންގެ އެއްކޮށްގެން ބޮޑު މަންޒަރު ދެއްކުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް މިސަރުކާރަށް ކުޑަ ނަމަވެސް ލޮޅުމެއް ނާންނާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވަނީ ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު މީދޫއަށާއި ރިބިނދޫ އަށާއި ހުޅުދެއްޔާއި ބަނޑިދޫއަށް ވަޑައިގެން މިރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ހާލު ބައްލަވާފައެވެ.