ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށްއޮތް ތާއީދު އިތުރު ކުރެއްވުމަށް އަތޮޅު ތެރެއަށް ކުރައްވަމުން އަންނަ ޒިޔާރާތުގައި ނިލަންދެއަތޮޅު ދެކުނު ބުރީ ބަނޑިދޫއިން ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ކެމްޕެއިން ދަތުރުފުޅެއްގައި ޑރ.ޝަހީމް ވަޑައިގެންނެވުމާއެކު އެރަށުގެ ގިނަޢަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދުން ހޫނު މަރުޙަބާއެއް ދަންވާފައެވެ. އޭގެތެރޭގައި ދެ ޖިންސުގެ ޒުވާނުންނާއި، މެދުޢުމުރުގެ މީހުންނާއި އިސްރައްވެހިން ހިމެނެއެވެ.
ބަނޑިދޫ ބަނދަރު ސަރަޚައްދުން މަރުޙަބާ ދެންނެވި ރައްޔިތުންނާ މުޚާތަބް ކުރައްވައި ޑރ.ޝަހީމް ވަނީ އެރަށު ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔަ މެހެމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
ބަނޑިދޫ ރައްޔިތުންގެފަރާތުން ފެނިގެންދިޔަ ނަމޫނާ މެހެމާންދާރީއަށް ޝުކުރު އަދާ ކުރައްވައި ޑރ.ޝަހީމް ވިދާޅުވީ އެމަނިކުފާނު ދ.އަތޮޅަށް ވަޑައިގެންނެވީ ސީދާ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށާ، ރައީސް ޔާމީނަށް ރައްޔިތުން ދެވަނަ ދައުރެއް އަރުވައިފިނަމަ ބަނޑިދޫ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންއަންނަ ހުރިހާ ގޮންޖެހުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޑރ.ޝަހީމް ވަނީ ދެއްވާފައެވެ.
ރައީސް ޔާމީނަށް އޮތް ރައްޔިތުންގެ ތާޢީދު އިތުރު ކުރެއްވުމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ.ޝަހީމް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުވަނީ ދ.އަތޮޅު ކުޑަހުވަދުއާއި މީދޫއާއި ރިބުނދުއާއި ހުޅުދެއްޔަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލު ކުރައްވާފައެވެ.