ޚަބަރު

އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންއިން މިމަހުގެ ފަހުކޮޅު ކިޔަވައިދޭން ފަށަނީ


ބައިނަލްއަޤްވާމީ މިންގަޑުތަކަށްފެތޭ ކަރިކިއުލަމަކާއެކު ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި މިމަހުގެ ފަހުކޮޅު ކިޔަވާދޭން ފަށާނެކަމަށް އެޔުނިވާރސިޓީގެ ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ޑރ. ފަވާޒް މިހެން ވިދާޅުވީ މެލޭޝިޔާގެ ޔުނިވަރސިޓީ ކެބާންގްސާންގް، ޔޫކޭއެމްގެ ފެކަލްޓީ އޮފް މެޑިސިންގެ ކަރިކިއުލަމް ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ، ސްކޫލް އޮފް މެޑިސިންގައި ބޭނުންކުރުމާބެހޭ އެއްބަސްވުމެއްގައި އެ ޔުނިވަރސިޓީއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިއެއްބަސްވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފެވެ. އަދި މެލޭޝިޔާގެ ނޭޝަނަލް ޔުނިވާރސިޓީ، ޔޫކޭއެމްގެ ފަރާތުން ސޮއިކޮށްފައިވަނީ ޑެޕިއުޓީ ވައިސް ޗާންސެލަރ، އެކަޑަމިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒް، ޕްރޮފެސަރ، ޑރ.މަރުޒޫކީ މުޙައްމަދު މުސްތަފާއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.ފަވާޒް ވިދާޅުވީ އެ ޔުނިވަރސިޓީގައި މެޑިސިން ކިޔަވައިދޭ ސްކޫލު ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ.

ޑރ.ފަވާޒް ވިދާޅުވީ، މެލޭޝިއާގެ ކެބާންގްސާންގް ޔުނިވަރސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޤްޞަދަކީ، ޤައުމީ ޔުނިވަރސިޓީގައި ހިންގާ މެޑިސިންގެ ޕްރޮގްރާމްތަކަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށްފެތޭ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކަކަށް ހެދުންކަމަށެވެ.

"އަޅުގަނޑުމެންނާ، މެލޭޝިޔާގެ ނޭޝަނަލް ޔުނިވާރސިޓީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ތެރެއިން އެބޭފުޅުންގެ މެޑިކަލް ކަރިކިއުލަމް ބޭނުންކޮށްގެން އަޅުގަނޑުމެންގެ މެޑިކަލް ސްކޫލްގެ ޕްރޮގްރާމް ފެށިގެންދާނީ. އަޅުގަނޑުމެންގެ އެއްބަސްވުމުގެ ތެރޭގައި މައިގަނޑުގޮތެއްގައި މިހިމެނެނީ ޔޫކޭއެމްގެ ކަރިކިއުލަމް އަޅުގަނޑުމެނާ އެބޭފުޅުން ހިއްސާކުރުމާ، އަދި އެއާއެއްކޮށް ކަރިކިއުލަމް އަޅުގަނޑުމެން ކިޔަވައިދިނުމުގައި ބޭނުންކުރާއިރު، މިއަށްބޭނުންވާ ތަމްރީންތައް އަޅުގަނޑުމެންގެ ލެކްޗަރާޒް އަދި އެކްސްޕާޓުންނަށް ފޯރުކޮށްދިނުން. އަދި އިމްތިހާނުތައް ހިންގުމުގައިވެސް ޔޫ.ކޭ.އެމްގެ އެހީތެރިކަން އަޅުގަނޑުމެނަށް ލިބިގެންދާނެ"

ފަވާޒް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ކެބާންގްސާންގްގެ ޕްރޮފެސަރުން ޤައުމީ ޔުނިވަރސިޓީގައި މެޑިސިންގ ޕްރޮގްރާންތައް ކުރިއަށްގެންދިއުމަށް އެހީތެރިވެ ދިނުމާއި، އެ ޔުނިވަރސިޓީގައި ކިޔަވައިދިނުމަށް ބޭނުންކުރާ ބައެއް ތަކެތި ޤައުމީ ޔުނިވަރސިޓީއާ ޙިއްސާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ކެބާންގްސާންގް ޔުނިވަރސިޓީ ޑެޕިއުޓީ ވައިސް ޗާންސެލަރ ޕްރޮފެސަރ މަރުޒޫކީ ވިދާޅުވީ ދެ ޔުނިވަރސިޓީ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވި މަސައްކަތް ފެށިގެންދިއުމަކީ ވަރަށް އުފާކުރާކަމެއްކަމަށެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔެވުމަށް 50 ދަރިވަރުންނަށް ފުރުޞަތު ހުޅުވާލާފައިވާއިރު، މިކަމަށް 70އަށްވުރެ ގިނަ ދަރިވަރުން ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.

ޤައުމީ ޔުނިވަރސިޓީގައި މެޑިސިންގ ކިޔަވައިދިނުމަށް ކުރިއަށްގެންދާ ކްލާސްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގިފިލާގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޓިޓޯރިއަމްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.