ޚަބަރު

"ހިޔާ" މަޝްރޫޢުގެ 7000 ހައުސިންގ ޔުނިޓް އަންނަ އަހަރު ނިމޭނެ- އެޗްޑީސީ


ރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ "ހިޔާ" މަޝްރޫޢުގެދަށުން އިމާރާތްކުރާ 7000 ހައުސިންގ ޔުނިޓުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މި މަޝްރޫޢާއެކު ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަޤީންވެގެންދާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 62 ޓަވަރު އެޅުމަށް ނިންމާފައިވާއިރު، މި މަޝްރޫޢުގެ ދަށުން މިހާރު އިމާރާތްކުރަމުންދާ 7000 ހައުސިންގ ޔުނިޓް އެކުލެވިގެންވަނީ 25 ބުރީގެ 16 ޓަވަރުގެ މައްޗަށެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށްދާއިރު، މިއީ މިހާތަނަށް އެންމެ ހަލުވިކަމާއެކު ރާއްޖޭގައި ހިންގާ ހައުސިންގ މަޝްރޫޢުކަން ފާހަގަކޮށްލެވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗްޑިސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާސިފް ވިދާޅުވީ "ހިޔާ" މަޝްރޫޢުގެ ދަށުން އިމާރާތްކުރާ 7000 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ނިޔަލަށް އެ އިމާރާތްތަކުގައި އާންމުންނަށް ދިރިއުޅެވޭވަރު ވާނެކަމަށެވެ.

ނާސިފް ވިދާޅުވީ މި މަޝްރޫއުގެ %40 ނިމިފައިވާކަމަށާ، އެގޮތުން ގާތްގަނޑަކަށް 10 އިމާރާތެއްގެ ބޮޑުބައެއް ނިމިފައިވާއިރު ބައެއް އިމާރާތްތަކުގެ 12 ފަންގިފިލާއާއި 17 ފަންގިފިލާ މިހާރުވެސް ނިމިފައިވާކަމަށެވެ.

"ހައުސިންގ ފްލެޓަކީ ރައްޔިތުންނަށް މިކަމުގެ ސަބަބުން ފައިދާ ކުރާނެ ކަމެއް.
މިހާތަނަށް 40 އިންސައްތަ ހާސިލްކޮށްފަ ވަނީ. ފޭސް ދޭއް އެއީ އެންމެ ގިނަ އަދަދަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ އެއް ތަން. ދިވެހި ތާރީޚްގައި މިހާ އަވަހަށް މަސައްކަތްތކުރަމުންދާ މަޝްރޫއުތަކެއް މީ ނޫނިއްޔާ ފެންނާކަށް ނެތް. އަންނަ އަހަރު އެކި ކުއާޓަރ ތަކުގައި ފެނިގެންދާނެ މި މަޝްރޫއުގެ ފްލެޓްތައް ނިމިގެންދާތަން" ނާސިފް ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިޓީތަކުގައި ލިބެން ހުންނަ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ޒުވާނުންނަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ ޔޫތް ސިޓީގައި ސަރުކާރުން އިޢުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ މެގަ ޕްރޮޖެކްޓް ހިޔާ މަޝްރޫޢުގެ ދަށުން 15000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ނިންމާފައިވާއިރު، މި މަޝްރޫޢު ނިމޭއިރު 15 ބުރިއަށްވުރެ އުސް 62 ޓަވަރު، އިމާރާތްކުރެވިގެންދާނެއެވެ.

މި މަޝްރޫޢު ނިމޭއިރު އެއްލައްކައަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ޔަޤީންވެގެންދާނެއެވެ. އަދި މި މަޝްރޫޢާއެކު މާލޭގެ ތޮއްޖެހުން ކުޑަވެ، އިޖުތިމާޢީގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.