ދިވެހި ސިފައިން ބަދުނާމުވާގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ސިޔާސީ ބައެއް ފަރާތްތަކުން ސިފައިން ބަދުނާމުކޮށް ވާހަކަދައްކަމުންދާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ދިވެހި ސިފައިންނަކީ ސިޔާސީ ކަންކަމާ ދުރުހެލި، ވަރަށް ޕްރޮފެޝަނަލް ބައެއްކަމަށެވެ. އަދި ދިވެހިން ސިފައިންނަކީ ޤައުމީ ޚިދުމަތުގައި ސާބިތުވެ ތިބޭ ބައެއްކަމަށާއި، ދިވެހި ސިފައިން ބަދުނާމުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހި ސިފައިން ބަދުނާމުވާގޮތަށް ވާހަކަ ނުދެއްކުމަށް ޑިފެންސް މިނިސްޓަރ އިލްތިމާސްކުރެއްވިއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ބާއްވާ ޖަލްސާތަކުގައި ބައެއް ބޭފުޅުން ދަނީ ސިފައިން ބަދުނާމުވާގޮތަށް ވާހަކަދައްކަމުންނެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައިވެސް ސިފައިންނަށް ހަޑިހުތުރު ބަސް ރައްދުކުރުމާއި ސިފައިންނާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު ވާހަކަތައް ބައެއް ފަރާތްތަކުން ދަނީ ފަތުރަމުންނެވެ.