ޚަބަރު

"ހިޔާ" މަޝްރޫޢުގެ ޔަޤީންކަން ދިނުމަށް ބާއްވާ ޚާއްޞަ ޖަލްސާއެއް ހުޅުމާލެ ފޭސް 2 ގައި މިރޭ ބާއްވަނީ


"ހިޔާ" މަޝްރޫޢުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްޞަ ޖަލްސާއެއް މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮންނާނެކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

މި ޖަލްސާއާ ގުޅޭގޮތުން މަޢުލޫމާތުދެމުން، ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ މިރޭ 8:30 ގައި ބާއްވާ މި ޖަލްސާއަކީ ރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ "ހިޔާ" މަޝްރޫޢު ކުރިއަށްދާގޮތާއި، މި މަޝްރޫޢުގެ ޔަޤީކަން ހާމަކޮށްދިނުމަށްޓަކައި ބާއްވާ ޖަލްސާއެއްކަމަށެވެ. އަދި މި ޖަލްސާއަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ދައުވަތުދީގެން ބާއްވާ ޖަލްސާއެއްކަމަށްވެސް ނިހާން ވިދާޅުވިއެވެ. އަދި މި ޖަލްސާއާއެކު ފުރަތަމަ ފަހަރަށް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދިއުމުގެ ފުރުޞަތުވެސް އާންމުންނަށް ލިބޭނެކަމަށް ނިހާން ވިދާޅުވިއެވެ.

"މި ޖަލްސާ އިންތިޒާމް ކޮށްދެނީ ފަހުގެ ތާރީޚްގައި ރާއްޖެއަށްގެންނަމުންދާ ތަރައްޤީގައި ހިއްސާ ވާ ރައްޖޭގެ ކުންފުނިތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ޓީމްތަކުން." ނިހާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބްރައީސް ޢަބްދުއް ރަޙީމް ޢަބްދުﷲ ވިދާޅުވީ އަންނަ ހަފްތާގެ ހޯމަދުވަހުގެ ރޭ "އެންމެން އެކަކަށް" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ރައީސް ޔާމީނަށާއި ސަރުކާރަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެކަމަށް ބެލެވޭތީ ކާނިވާ ސަރަހައްދުގައި އެ ޖަލްސާ ބާއްވައިފިނަމަ އެ ސަރަހައްދު ފުރި ޖަލްސާއަށް އަންނަ މީހުންނަށް ދަތިތަކާ ކުރިމަތިވެދާނެތީ، އެ ޖަލްސާ ބޭއްވުމަށް އެހެން ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެންމެ ފަހުން ޕީޕީއެމުން މާލޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައިވެސް ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން އެކުވެގެން ރާއްޖޭގެ އުތުރުން ދެކުނަށް އަތްފުނާ އަޅައިގެން މީހުން ޖަމާކޮށްގެން އެންމެ ފަހުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންނަށްވުރެ ރައީސް ޔާމީނަށް ތާއީދުކޮށް، ހެޔޮހިތުން މިޖަލްސާގައިޮ ބައިވެރިވާނެ އާންމު ރައްޔިތުން ގިނަވާނެކަމަށެވެ.

އަޑު:"ހުޅުމާލޭގައި ބާއްވަން ދިމާކޮށްފިއާ ދިމާވާ މައްސަލައަކީ 30000- 40000 އަކަށް މީހުން ބްރިޖުން ދަތުރު ކުރަން ދެ ދުވަސްވަރު އެބަ ނަގާ، އަޅުގަނޑުމެންނަށް މިވަގުތު ޓްރާންސްޕޯޓުގެ ކަންކަން ހުރި ގޮތުން ނުވަ ވަރަކަށް ބަސް މި އޮންނަނީ. ބަހުގައި ދަތުރު ކުރެވެން މި އޮންނަނީ 40 މީހުންނަށް، އެހެންވެ މަލޭގައި މި ބާއްވަންޖެހެނީ އެހެންވެ އެފަދަ ތަނެއް ހޯދުމުގެ މަސައްކަތް ކުރެވޭތޯ މި އުޅެނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުއް ރަޙީމް ވިދާޅުވީ އަތޮޅުތަކުން އެކަނިވެސް ވިހި ހާހާ ގާތްކުރާ އަދަދަކަށް ރައްޔިތުން އަންނާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ ޕީޕީއެމް އިން ޚަރަދު ނުކޮށް އަމިއްލަ ޚަރަދުގައި އަންނަ މީހުން ކަމަށެވެ.