ޚަބަރު

އިންތިޚާބަށް ނުފޫޒު ނުފޯރުވަން ބޭރުގެފަރާތްތަކަށް ގޮވާލާކަށް އިދިކޮޅު ކެނޑިޑޭޓަކަށް ނުކެރޭނެ - ރައީސް


ރިޔާސީ އިންތިޚާބަށް އެކިގޮތްގޮތުން ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާކަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކެރިވަޑައިނުގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގދ. ތިނަދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގދ. ތިނަދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ލެވޭ ވޯޓެއްތޯ ނުވަތަ ރާއްޖޭން ބޭރުގައި ލެވޭ ވޯޓެއްތޯ ސުވާލު ކުރައްވާފައެވެ. އެމަނިކުފާނު މިފަދައިން ސުވާލު އުފައްދަވާފައިވަނީ ރިޔާސީ އިންތިޚާބަށް އެކިގޮތްގޮތުން ބޭރުގެ ޤައުމުތަކުން ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވައެވެ.

ރައީސް ޔާމީން ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ކަންކަމުގެ ތެރެއަށް އަތްގަދަކޮށް، ބަސްބުނުމުގެ ފުރުޞަތު ފަހިކޮށްދެނީ އިދިކޮޅު ފަރާތްތަކުން ކަމަށާ، އިދިކޮޅު ފަރާތްތައް ތަމްސީލްކުރުމުގައި އިސް ސަފުގައި މިއަދު ހަރަކާތްތެރިވާ ފަރާތްތަކަކީ ބޭރުގެ ނުފޫޒުތަކަށް ވިކިފައިވާ ބައެއްކަމަށެވެ. އަދި ރާއްޖޭގެ ކަންކަން ނިންމާނީ ދިވެހިން ބޭނުންވާ ގޮތަށްކަމަށާއި، އެފަދަ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވަން ކުރާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް އިދިކޮޅު ރިޔަސީ ކެންޑިޑޭޓަށް ކެރިވަޑައި ނުގަންނަވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ މިންނެތް މަސައްކަތުން މިއަދު ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ދުނިޔޭގެ ކުރިމަތީގައި ދަތިވާކަންކަމާމެދު ވަކާލާތު ކުރަންކެރޭ، ބާރުގަދަ ޤައުމަކަށް ވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ސިޔާސަތުތަކަކީ ބޭރުގެ ފަރާތްތަކުން ބަލައިގެންފައިވާ ސިޔާސަތުތަކެއްކަމަށާއި، ކުދި ޤައުމުތަކަށް ކުރިމަތިވާ ތަފާތު ކަންކަމުގައިވެސް ވަކާލާތުކޮށް އެކަންކަމަށް ހައްލު ހޯދައިދިނުމުގެ ޤާބިލުކަން ރާއްޖޭގައި ހުރިކަން އެއީ މިއަދު ކުދި ޤައުމުތަކުންވެސް ޤަބޫލުކުރާ ހަޤީޤަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު މި ޤައުމަށް ހެވާއިލާބައަށް އެދެނީ ކޮންބަޔަކުތޯ، މިއީ މިއަދު ދިވެހި ކޮންމެފަރުދަކުވެސް ވިސްނާލުން މުހިއްމުކަމެއްކަމަށެވެ. އެގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރުމަށް ރާއްޖޭން މަސައްކަތް ކުރުމުން، ދެން ކަންތައް ވެގެންދިޔަ ގޮތަށް ރައީސް ޔާމީން ވަނީ އަލިއަޅުވާލައްވާފައެވެ. އަދި އިދިކޮޅު ފަރާތްތަކަކީ އަބަދުވެސް ރާއްޖެއަށް ލިބޭ ގެއްލުންތަކަށް ވަރަށް ފާޅުގައި އުފާފާޅުކުރާ ބައެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށްވެސް މި ޤައުމު ތަރައްޤީކުރުމުގެ ފުރުޞަތު ލިބުންކަމަށާއި، ނަމަވެސް އެފަރާތްތަކުން އެފުރުޞަތުގެ ބޭނުން ނުހިފީކަމަށެވެ. އަދި ތަރައްޤީގެ ނަމުގައި އެފަރާތްތަކުން މުޅި ރާއްޖެއަށް ޢާއްމުކުރީ ފަނާކުރަނިވި ވިސްނުމާއި ގެއްލުމާއި ހަލާކުކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި އެކަންކަމުގެ ސަބަބުން ދިވެހި ދަޢުލަތަށް ފޫނުބެދޭވަރުގެ ގެއްލުން ލިބިގެންދިޔަކަމަށާއި، ނަމަވެސް މި ސަރުކާރުން ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދެއްވާފައިވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.