ޚަބަރު

ތިނަދޫ ހިއްކިބިމުން 150 ގޯތި އަންނަ ހަފްތާ ދޫކުރާނަން - ހައުސިންގ މިނިސްޓަރ


އަންނަ ހަފްތާތެރޭގައި ގދ. ތިނަދޫން އަލަށް ހިއްކި ބިމުން 150 ގޯތި ދޫކުރުމަށް ހުޅުވާލާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތިނަދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ތަރައްޤީގެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ތިނަދުއާއި މުޅި ރާއްޖެއަށްވެސް މިހާރު އެންމެ ބޭނުންވެފައިވަނީ ބޯހިޔާވަހިކަންކަމަށެވެ. ތިނަދޫ ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެރަށުން 150 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި، އަންނަ ހަފްތާތެރޭގައި މި ގޯތިތައް ދޫކުރުމަށް ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމަށް ހިންގާކެމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހައުސިންގ މިނިސްޓްރީގެ ޓީމް ތިނަދުއަށް އައިސް ގޯތިތައް ދޫކުރުމުގެ މަސައްކަތް ފަށާނެ މި ހަފްތާގައި. އަދި އަންނަ ހަފްތާގައި ހިއްކިބިމުން 150 ގޯއްޗައް ކުރިއަތިލުމަށް އިޢުލާންކުރާނަން. މިއީ ސީދާ ރައީސްގެ ނިންމެވުމެއް." - ހައުސިންގ މިނިސްޓަރ

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މާލެ ފިޔަވައި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އެންމެ ބޮޑު މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ ތިނަދޫގައި ކަމަށެވެ. އެގޮތުން ތިނަދޫގައި ޖުމްލަ 1600 އަށްވުރެ ބޮޑު ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު މި 5 އަހަރުގެ ތެރޭގައި ތިނަދޫއަށްގެނައި ތަރައްޤީއަކީ ތާރީޚީ ތަރައްޤީއެއްކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

"ތިމާވެށި ޙިމާޔަތް ކުރުމާއި، ޖަޒީރާ ރާއްޖެ ކޮންސެޕްޓޭ ކިޔައިގެން ކުރީގެ ސަރުކާރުތަކުންވަނީ މަސައްކަތްތަކެއް ކުރަން އުޅެފައި. ނަމަވެސް މިިއިން އެއްވެސް ކަމެއް ކާމިޔާބެއް ނުވޭ އެއިން ރައްޔިތުންނަށް މަންފާއެއް ނުވޭ. އަވިން ހަކަތަ އުފައްދަން އެޅި ސޯލާ ޕެންލްތައް ވިއުގަޔާއި ގުޅައެއްނުލާ، ބޭނުމެއްނުކުރޭ. އަދި ގުޅީފަޅުގައި ވައިން ހަކަތަ އުފައްދަން ބުނި މަޝްރޫޢު ކުރިއަކަށް ނުދިޔަ" މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖެއަށް ރައީސް ޔާމިން ގެންނަމުންދާ ތަރައްޤީއަކީ ކޮންމެ ރައްޔިތަކުވެސް ބަލައިގަންނަންޖެހޭ މަސައްކަތެއްކަމަށެޗެ. އަދި ކުރިއަށް އިޢުލާންކޮށްފައިވާ މަޝްރޫޢުތައް ޙަޤީޤަތަކަށް ހެދުމަށް ރައީސް ޔާމީނާއިއެކު ކުރިއަށްދިއުމަށް ގޮވާލެއްވިއެވެ.