ޚަބަރު

މީރާގެ ކަލެކްޝަން ސެންޓަރެއް ރ. އުނގޫފާރުގައި ހުޅުވައިފި


ރ. އުނގޫފާރުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ ގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިއެވެ.

އުނގޫފާރު ކަލެކްޝަން ސެންޓަރ ހުޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ރ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދެވެ. އުނގޫފާރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް ޤާއިމުކޮށްފައިވަނީ އެ ސަރަޙައްދުގެ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުންދީ، ޓެކްސް ދައްކާ ފަރާއްތަކަށް ލުއިފަސޭހަކޮށްދިނުމަށްކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ގާތުން ލިބި، އެ ފަރާތްތަކަށް ބޭނުންވާ އެހީރެތެރިކަން ފަސޭހަކަމާއި އެކީ ފޯރުވައިދެވޭނެކަމަށެވެ. އަދި ވިޔަފާރިތަކަށް ދަތިކޮށް، ނުއުފުލޭވަރުގެ ބުރައެއް ޖެއްސުމަކީ މީރާގެ މަޤްޞަދެއް ނޫންކަމާއި، ކުދި ވިޔަފާރިތަކަށް ޤާނޫނާ ގަވާއިދުގެ ތެރެއިން ދެވެންހުރި ހުރިހާ ލުއިތަކެއް ދީ އެހީތެރިވެދެއްވާނެކަމަށްވެސް ޔަޒީދު ވިދާޅުވިއެވެ.

އުނގޫފާރު ކަލެކްޝަން ސެންޓަރުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހުގެ ފައިސާއާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން، ޓެކުހާ ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މީރާގެ އޮފީސްތައް 13 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.