ޚަބަރު

ރައީސް ޔާމީން، ތިނަދޫގައި ކުރިއަށްގެންދިޔަ ތަރައްޤީގެ 7 މަޝްރޫޢު އިފްތިތާހުކޮށްދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ގދ. ތިނަދުއަށް ވަޑައިގެން އެރަށުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ 7 މަޝްރޫއެއް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގދ. ތިނަދޫގައި ކުރިއަށްގެންދިޔަ ތަރައްޤީގެ 7 މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ އެރަށުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ތިނަދޫ އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަޝްރޫޢުއާއި، މިއުޒިއަމް ޕާކުގެ މަސައްކަތާއި، ބިން ހިއްކުމާއި އެ ސަރަޙައްދު ޙިމާޔަތްކުރުމާއި، މަގުހެދުމާއި، ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިމުމާއި، ގޮނޑުދޮށް ޙިމާޔަރްކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްފައިވެއެވެ.

މި 7 މަޝްރޫޢުތަކަށް ސަރުކާރުން 909.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ގދ. ތިނަދޫގައި ސަރުކާރުން ތަރައްޤީކުރި އިސްލާމީ މަރުކަޒަކީ މާލެ ފިޔަވާ އެހެން ރަށެއްގައި ތަރައްޤީކުރި މިފަދަ ފުރަތަމަ މަރުކަޒެވެ. މިތަނުގައި އެއްފަހަރާ 1500 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ތިނަދޫ އިސްލާމީ މަރުކަޒުގައި ލައިބްރަރީއަކާއި، 4 ކްލާސްރޫމާއި، އެޑްމިނިސްޓްރޭޓިވް އޮފީހަކާއި، މަލްޓި ޕަރޕަސް ހޯލެއްވެސް ހިމެނެއެވެ. 2016 ވަނަ އަހަރުގެ ފެބްރުއަރީމަހު ފެށި މި މަޝްރުޢުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.

ތިނަދޫ އާބާދީ މައިޒާންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މިމަޝްރޫޢުއަކީ ތިނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެރަށުގެ ރައްޔިތުންނަށް ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. ވަކިވަކި 3 އިމާރާތަކަށް ހަދާފައިވާ މިއުޒިއަމް ޕާރކްގައި ދާރުލް އާސާރަކާއި، އޮޑިޓޯރިއަމަކާއި، ލައިބްރަރީއަކާއި، ލަރނިންގ ސެންޓަރަކާއި، އެކި ބޭނުންތަކަށް ޚާއްޞަ ހޯލަކާއި، ޒުވާނުންނަށް ޚާއްސަކޮށްގެން ކުޅިވަރު ކުރެވޭގޮތަށް ސްޕޯޓްސް ކޮމްޕްލެކްސްއެއްވެސް ހިމެނެއެވެ.

ތިނަދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުއުގެ ދަށުން އެރަށުގައިވަނީ 120 ހައުސިންގ ޔުނިޓްއަޅާފައެވެ. މި ހައުސިންގ ޔުނިޓްތައް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓްގައި ސޮއިކުރުމުގެ މަސައްކަތް މިމަހު ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. މީގެއިތުރުން ތިނަދޫގެ ބިން ބޮޑުކުރުމަށް، އެރަށު ފަޅު ހިއްކައި 53 ހެކްޓަރުގެ ބިން ހިއްކައި، މި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް މިހާރުވަނީ ނިންމާފައެވެ.

ތިނަދޫ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށު 25 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާއިރު، މިއީ 9.1 ކިލޯމީޓަރުގެ ސަރަހައްދެކެވެ.

ތިނަދޫ ތިމާވެށި ހިމާޔަތްކުރުމާއި، ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް އެރަށުގައިވަނީ ގޮނޑުދޮށް ޙިމާތްކުރުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި މަޝްރޫޢުގެދަށުން 462 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލަ ޖަހައިގެން ޙިމާޔަތްކޮށްފައިވާއިރު، އެރަށުން ޙިމާޔަތްކޮށްފައިވާ ބިމުގެ ޖުމްލަ އަދަދު 1600 މީޓަރަށްވުރެ ބޮޑެވެ.

ތިނަދޫގެ ތަރައްޤީއަށް މި ސަރުކާރުންވަނީ ޖުމްލަ 47 މަޝްރޫޢު ހިންގާފައެވެ. ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވީ މިމަޝްރޫޢުތަކުގެ ތެރެއިން ބޮޑެތި 7 މަޝްރޫއެވެ. ތިނަދޫގައި 12000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.