ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަބުރަށް އަރައިގެންފައިވާތީ އެމް.ޑީ.ޕީއާ ދެކޮޅަށް އަންނަ ބުދަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނެކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެޓީމުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލް އައްބާސް ޝަރީފު ވިދާޅުވީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު އެމް.ޑި.ޕީން ޝާއިޢުކުރި ލިއުމުގައި ފާހަގަކޮށްފައިވާ ކަންކަމަމާއި ގުޅޭގޮތުން 3 ސެޕްޓޭމްބަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ދައްކާފައިވާ ވާހަކަތަކާއި، އެކަމާއި ގުޅިގެން ރާއްޖެ ޓީވީން ދެއްކި ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި ފޮޓޯ ތަކަކީ، ޤާނޫނު އަސާސީގެ 33 ވަނަ މާއްދާއިން ރައީސް ޔާމީނަށް ލިބިދީފައިވާ އަބުރުރައްކާތެރި ކުރުމުގެ ހައްޤަށް އުނިކަން އަނާނެ ގޮތަށް ޝާއިޢުކޮށް ދައްކާފައިވާ ފޮޓޯތަކާއި މަޢުލޫމާތުތަކެއްކަމަށް. މިމައްސަލާގައި ކުށްވެރިވާ ފަރާތްތައް ހޯދުމަށާ، އެކަމަށް ޒިންމާވާ މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ރައީސް ޔާމީން ނިންމަވާފައިވާތީ އެކަމުގެ ތައްޔާރީތައް ފުރިހަމަކޮށްފައިވާކަމަށް އައްބާސް ޝަރީފު ވިދާޅުވިއެވެ.
އައްބާސް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ އަބުރަށް އުނިކަންއަންނަ ގޮތަށް ވާހަކަދެއްކި ޕްރެސް ކޮންފަރެންސް ވަގުތުން ގެނެސްދިން ރާއްޖެ ޓީވީން، ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި އަބުރުރައްކާތެރިކުރުމުގެ ޤާނޫނާއި ޚިލާފަށް ޢަމަލުކޮށްފައިވާތީ އެކަންބަލައި ފިޔަވަޅު އަޅައިދިނުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދަންނަވާފައިވާނޭ ކަމަށްވިދާޅުވިއެވެ.
މީގެ އިތުރުން މިމައްސަލާގައި ޖީނާޢީ ކަންތައްތަކެއްވެސް ހިމެނޭކަމަށް ރައީސް ޔާމީން ޤަބޫލުފުޅުކުރައްވާތީ އެކަންކަންވެސް ތަޙްޤީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅައިދިނުމަށް ފުލުހުންނަށްވެސް ދަންނަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީޓީމުން ބުނެއެވެ.
އަދި ހަމައެހެންމެ މިކަން ހިނގާފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިންތިޚާބީ ޙާއްޤަށް ބުރޫއަފައިވާކަމަށާ އެކަން ތަހްޤީގުކޮށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ޤާއިމްކޮށްފައިވާ ޤައުމީ ކޮމްޕްލެއިންސް ބިއުރޯއަށް މިރޭގެ ވަގުތެއްގައި ހުށައަޅާނެކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން މިއަދުވަނީ ބުނެފައެވެ.