ޚަބަރު

ތޮއްޑޫގައި ހުރި ވަޤުފް ބިންތައް ރަށުކައުންސިލާ ހަވާލުކޮށްފި


އއ.ތޮއްޑޫގައި ހުރި ވަޤުފް ބިންތައް ބޭނުންކުރުމަށް އެރަށު ކައުންސިލާ ޙަވާލުކޮށްފައިވާކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތޮއްޑޫގެ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވި ކަމެއްކަން ފާހަގަކުރައްވައި އެރަށުގައިހުރި ވަޤުފް ބިންތައް ރައްޔިތުންނަށް ލާބައާއި މަންފާ ލިބެނެކަންކަމަށް ބޭނުންކުރުމަށް ރަށު ކައުންސިލާ ހަވާލުކޮށްފައިވާކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިމަހުގެ 3 ވަނަ ދުވަހު ތޮއްޑުއަށް ވަޑައިގެން ރަށު ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވަނީ ތޮއްޑުއަކީ ގިނަ ވަގުފް ބިންތައް އޮތް ރަށެއްކަން ފާހަގަކުރައްވައި އެރަށުގެ ވަޤުފް ބިންތައް ރައްޔިތުންނަށް ދޫކުރުމަށް އެމަނިކުފާނު ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

މިގޮތުން އެ ބިންތައް ރައްޔިތުންނަށް ހޯދައިދެނީ ސަރުކާރުން ބަދަލުދީގެންކަމަށާއި، އެ ވަޤުފް ބިންތަކަށް ރައްޔިތުން ބަދަލުދޭކަށް ނުޖެހޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ތޮއްޑޫއިން 80 ގޯތި ދޫކުރުމަށް ކައުންސިލަށް އަންގާފައިވާކަމަށްވެސް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ.