ބުރިޖް ހުރަސްކޮށް ހުޅުލެއަށާއި ހުޅުމާލެއަށް ދަތުރުކުރާ ޓެކްސީ ކާރާއި، ސައިކްލު ޓެކްސީތަކުން ޕެސެންޖަރުންގެ އަތުން ނެގޭނެ އެންމެ މަތީ އަގުތަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ.
އެގޮތުން މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް އެންމެ މަތީ ފީއެއްގެ ގޮތުގައި ކަނޑައަލާފައިވަނީ 35 ރުފިޔާއެވެ. އަދި ހުޅުލެއިން ހުޅުމާލެއަަށް އަދި ހުޅުމާލޭލެއިން ހުޅުލެއަށްވެސް ދަތުރުކުރެވޭ އެންމެ މަތީ އަގަކީ 35 ރުފިޔާއެވެ.
ބްރިޖް މެދުވެރިކޮށް މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށްދާ ފަސިންޖަރުންގެ އަތުންނެގޭ އެންމެ މަތީ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 40 ރުފިޔާއެވެ. އަދި މެންދަމު 12:00 އާއި، ހެނދުނު 6:00 ދެމެދު ކުރާ ދަތުރުތަކުގައި އިތުރަށް 5 ރުފިޔާ ނެގޭނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.
މީގެއިތުރުން ޑިކީއަށް ދާގީނާއެއް އަރުވައިގެން ކުރާ ދަތުރުތަކުންވެސް އިތުރު ފަސް ރުފިޔާ ނެގޭނެކަމަށް އެ އޮތޯރިޓީންބުނެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީންވަނީ ބްރިޖް ހުރަސްކޮށް ކުރާ ސައިކަލު ޓެކްސީ ދަތުރުތަކުގެ އަގުތައްވެސް ކަނޑައަޅާާފައެވެ. އެގޮތުން މާލެއިން-ހުޅުމާލެއަށް އަދި ހުޅުމާލެއިން-މާލެއަށް ސައިކަލު ޓެކްސީގައި ދަތުރުކުރެވޭ އެންމެ މަތީ އަގެއްގެ ގޮތުގައި ކަނޑައަލާފައިވަނީ 20 ރުފިޔާއެވެ. އަދި މާލެއިިން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެއަށް ސައިކަލް ޓެކްސީގައި ދަތުރުކުރެވޭ އެންމެ މަތީ އަގަކީ 15 ރުފިޔާއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ، ކާރު ޓެކްސީއާއި، ސައިކަލު ޓެކްސީގެ ދަތުރުތަކުގެ އަގުތައް އެ އޮތޯރިޓީން އާންމުކޮށްފައިވާގޮތަށް، ނަގަމުންދިއުމަށް އެ ޑްރައިވަރުންނަށް އިލްތިމާސްކޮށްފައެވެ.
ޓްރާސްޕޯޓް އޮތޯރިޓީން ކާރާއި ސައިކަލު ޓެކްސީއިން، ފަސެންޖަރުންގެ އަތުންނެގޭ އެންމެ މަތީ އަގު ކަނޑައަޅައި އާންމުކޮށްފައި މިވަނީ، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ބައެއް ޓެކްސީތަކުން އާންމުންގެ އަތުން ބޮޑެތި ރޭޓްތަކުގައި އަގު ނަގަމުންދާކަމުގެ ޝަކުވާ އިތުރުވެފައިވަނިކޮށެވެ.