ޚަބަރު

ރައީސް އަވަހާރަކޮށްލަން އުޅުނީ ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރެއްވުމުން - މިނިސްޓަރ ޒަމީރު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަވަހާރަކޮށްލަން ބޮމުގެ ޙަމަލާއެއް ދިނީ، ކޮރަޕްޝަން ނައްތާލެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުންކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއްމިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވުމާއެކު އެކަމުގެ ތަފްސީލް ހޯއްދެވުމަށް ރައީސް ޔަމީން ވަގުތުން މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކުގެ ތަފްޞީލާއި، ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ޢާންމްދަނީގެ ތަފްޞީލް ހޯއްދެވުމަށް، އެ މަސައްކަތްތައް ޙަވާލުކުރައްވާފައިވާ މީހުންނާއި ސުވާލުކުރެއްވި ކަމަށާ އެކަންކުރެއްވިކަން ލިޔެކިޔުންތަކުންވެސް ފެންނަން އެބަހުރި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއްދިނީ، އެމްއެމްޕީއާރުސީގެ މި ކޮރަޕްޝަންގެ މައްސަލައާ ގުޅުންހުރި ތަފްސީލްތައް ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވުމުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ފަޅުތަކާއި ރަށްތަށް ކުށްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެހެން ދިމަދިމާއަށް ވަދެފައިވާ ކަމަށާ އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްވި ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު އެހެން ތަޙުޤީޤްވެސް ކުރަމުން ގެންދާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެެެވެ.

މިނިސްޓަރ ވިދާޅުވީ، ރިސޯޓު ހެދުމަށް ރަށްތަކާއި ފަޅުތައް ދޫކުރާ އުސޫލު އިސްލާޙުކޮށް، އެކަން މިހާރު ކުރަމުން ގެންދަނީ ހަރުދަނާ އުސޫލުއްގެދަށުން ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރުގެ އޮކޯޓޯބަރު މަހުން ފެށިގެން މިއަދާ ހަމަޔަށް ފަޅުތަކާއި ރަށްތަށް ކުއްޔަށް ދޫކޮށްގެން 100 މިލިއަން ޔޫއެސް ޑޮލަރު މީރީއަށް ލިބިފައިވާ ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި އިސް ދައުރެއް އަދާކުރިކަމުގެ ކުށް ސާބިތުގެ ހުކުމް ތަންފީޒް ކުރަމުންދާ އަޙްމަދު އަދީބް މިނިވަން ކުރުމަށް އެމްޑީޕީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކެއް ފެބްރުއަރީގައި ބަޣާވާތަކުން ސަރުކާރު ވައްޓާލުމަށް ކުރި މަސައްކަތުގައިވެސް އަދީބް މިނިވަން ކުރުމަށް އެމްޑީޕީން ވަނީ މަސައްކަތްކޮށްފައެވެ.