ޚަބަރު

ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކާ ދެކޮޅަށް ނުރައްކާތެރި ތުހުމަތުތަކެއް


މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ވައިގެ އަސްކަރިއްޔާގެ ދެ މަތިންދާބޯޓަކުން ސޫރިޔާގެ ބައެއް ސަރަހައްދުތަކަށް ކެމިކަލް ގޭސް އެކުލެވޭ ބޮން އަޅާފައިވާކަމަށް ބުނެ ރަޝިޔާއިން ވަރުގަދަ ތުހުމަތުތަކެއް ކޮށްފިއެވެ.

ރަޝިޔާގެ އަސްކަރިއްޔާއާ ހަވާލާދީ އެ ޤައުމުގެ ނިއުސް އެޖެންސީތަކުން ބުނެފައިވަނީ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން މި ހަމަލާތައް ދީފައިވަނީ ސޫރިޔާގެ ހާޖިން ނަމަކަށް ކިޔާ އަވަށަކަށް ކަމަށާ މި އަވަށަކީ ސޫރިޔާގައި އައި.އެސް ހަނގުރާމަވެރިން އުޅެމުންދާ އެންމެ ފަހު އަވަށްތަކުގެ ތެރެއިން އަވަށެއް ކަމަށެވެ. ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި އަލިފާންރޯވެފައިވާ ނަމަވެސް މި ހަމަލާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށް ރަޝިޔާގެ އަސްކަރިއްޔާއިން ބުނެއެވެ.

އެހެންނަމަވެސް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަނުން ވަގުތުން ވަނީ ރަޝިޔާގެ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕެންޓަގަންގެ ތަރުޖަމާނު ކޮމާންޑަރ ޝޯން ރޮބަރޓްސް ވިދާޅުވީ، އެމެރިކާގެ އަސްކަރީ އެއްވެސް ޔުނިޓަކުން މިފަދަ ގޭހެއް ބޭނުންކޮށްގެން ހަމަލާ ދިންކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރިއްޔާގެ ޔުނިޓްތަކަކީ މިފަދަ ގޭހެއް ބޭނުންކޮށްގެން ހަމަލާ ދެވޭނެ ފަދަ ހަތިޔާރު ހުރި ޔުނިޓްތަކެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.