ޚަބަރު

ރިޔާސީ އިންތިޚާބުގައި ރާއްޖެ އިން ބޭރުގައި ވޯޓުލުން އޮންނަ ގަޑިތައް އާއްމުކޮށްފި


ރިޔާސީ އިންތިޙާބުގައި ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ޤައުމުތަކުގައި ވޯޓުލުން ކުރިއަށްދާނެ ގަޑިތައް އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފިއެވެ.

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގެ 4 ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، ކޮންމެ ޤައުމެއްގައިވެސް ވޯޓުލުން ކުރިއަށްދާނެ ވަގުތު ބަޔާންކޮށްފައިވަނީ އެ ޤައުމެއްގެ ގަޑިންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންޑިއާގެ ތްރިވަނަންތަޕޫރަމާއި، ސްރިލަންކާގެ ކޮލަމްބޯގައި ވޯޓުލުން ކުރިއަށްދާނީ އެޤައުމެއްގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 16:30 ކަމަށެވެ. އިނގިރޭސިވިލާތުގެ ލަންޑަނުގައި އެޤައުމުގެ ގަޑިން ހެނދުނު 09:30 އިން ފެށިގެން ހަވީރު 17:30 ވޯޓުލުން ކުރިޔަށްދާއިރު، މެލޭޝިއާގެ ކުއާލާލަމްޕޫރުގައި ވޯޓުލުން ކުރިއަށްދާނީ އެޤައުމުގެ ގަޑިން މެންދުރުކުރި 11:00 ފެށިގެން އިރުއޮއްސި 19:00 ޖެހުމާއި ހަމައަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޙާބުގައި ސްރިލަންކާގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، ބާކީ 3 ޤައުމުގައިވެސް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެންމެ ވޯޓު ފޮށްޓެކެވެ. ރާއްޖޭން ބޭރުގައި ބަހައްޓާ 5 ވޯޓުފޮށި ހިމެނޭހެން ޖުމްލަ 472 ވޯޓު ފޮށި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.