ޚަބަރު

ތިން އަހަރު ތެރޭގައި ޓޫރިޒަމް ދާއިރާގެ އެސެޓް 200 ބިލިއަން ރުފިޔާއަށް އަރާނެ


ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި މިހާރު ހިންގަމުން އަންނަ އިޤްތިސާދީ ބޮޑެތި މަޝްރޫޢު ނިމުމުން، ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ އެސެޓް 200 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމާ ގުޅޭގޮތުން ޕީއެސްއެމްނިއުސް އިން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާ އިތުރު ހަރުފަތަކަށް ގެނައުމަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ ކަމަށާ، ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު، ރާއްޖޭގެ ޓޫރިޒަމް އެސެޓުހުރީ 50 ބިލިއަން ރުފިޔާގައި ކަމަށާއި މިހާރު އެޢަދު ދެގުނައަށް އިތުރުވެ 100ބިލިއަނަށް އަރާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ދެވަނަ ދައުރުގައި މިއަދަދު 200 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓުކުރުމަށް ތަކުރާރުކޮށް ގޮވާލަމުން ދިޔަ ނަމަވެސް، ރައީސް ޔާމީން ސަރުކާރުން ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑި މިދާއިރާއިން މިހާރު ޙާސިލްކުރެފވައިވާ ކަމަށެވެ. އަދި މިކަން ކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ ރައީސް ޔާމީން ގެންނެވި ހަރުދަނާ އިޤްތިސާދީ ސިޔާސަތުކަން ޓޫރިޒަމް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޓޫރިސްޓް އެރައިވަލް ރޭޓް 10 އިންސައްތަޔަށް އިތުރުކުރެވިފައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 50 ރިސޯޓު ތަރައްޤީކޮށް ނިމެނޭކަމަށެވެ. އަދި ފަތުރުވެރިކަމަށް އިތުރު 130 ތަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ، މީގެ ތެރޭގައި ފަޅުތަކާއި ރަށްތަށް ތަރައްޤީކުރުމުން ހިމެނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެނައުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ހިންގާ 1.2 ބިލިއަން ރުފިޔާގެ މަޝްރޫޢު ފާހަގަކުރެއްވިއެވެ. މިހާރު ކުރިއަށްދާ ސަރަޙައްދީ އެއާޕޯޓުތަކުގެ މަޝްރޫޢުތަށް ނިމުމުން އެސަރަޙައްދުތަކަށްވެސް ފަތުރުވެރިކަމުގެ ފޮނިމީރުކަން ލިބޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.