ޚަބަރު

ޒުވާނުން ޒިންމާދާރުވެއްޖެ، ޓެގުއެޅުވުމުގެ ބޭނުމެއް ނެތް- މިނިސްޓަރ އަޒްލީން


ޒުވާނުން ޒިންމާދާރުވެއްޖެކަމަށާއި ފައިގައި ޓެގުއެޅުވުމުގެ ބޭނުން މިހާރު ކެނޑިފައިވާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ތަރައްޤީ އާޒަމާނަކަށް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މިންނެތް މަސައްކަތުން، ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގެ ޙިއްސާދާރުންނަށް ބަދަލުކޮށްފައިވާކަމަށެވެ.

ކުރިން ބަޔަކު ޒުވާނުންގެ ސިކުނޑިތަކަށް ސަވާރުވެ މުޖުތަމަޢުއަށް ގިނަކޮށް، މަސްތުވާތަކެއްޗާއި މާރާމާރީގެ ތެރެއަށް ޒުވާނުންދާން ދޫކޮށްލިނަމަވެސް، އެފަރާތްތަކަށް މިހާރު ޒުވާނުންގެ ސިކުނޑިތަކަށް ސަވާރު ނުވެވޭނެކަމަށް މިނިސްޓަރ އަޒްލީން އަޚްމަދު ވިދާޅުވިއެވެ.

މިއީ މިސަރުކާރުގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ދަށުން، ޒުވާނުނަށް ފަހިކޮށްދިން ގިނަ ފުރުސަތުތަކުގެ ނަތީޖާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަންދުގައި ބައިތިއްބައިގެން ޒުވާނުންގެ ކުރިމަގު ހަލާކޮށްލުމުގެ ބަދަލުގައި، އެ ފަރާތްތަކަކަކީ މުޖުތަމައަށް ފައިދާހުރި، ޤައުމަށް ޒަމާނީ ތަރައްޤީ ގެންނަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ސަރުކާރުން ޒުވާނުން ހެއްދެވިކަމަށް ވިދާޅުވިއެވެ.

ތަޢުލީމީ ފުރުސަތުތަކާއި ވަޒީފާގެ ގިނަ ފުރުސަތުތަކާއި އަދި ލުއި ލޯނުގެ ފުރުސަތު ތަނަވަސް ކުރުމަކީ މި ސަރުކާރުން ޒުވާނުން ބިނާ ކުރުމަށް ކުރެއްވި ހަރުދަނާ މަސައްކަތްކަން ފާހަގަކުރެއްވިއެވެ.