ޚަބަރު

އިދްލިބްގެ އާއްމުންގެ ޙާލަތާމެދު ޔޫ.އޭ.އީ އިން ކަންބޮޑުވޭ: ގަރްގާޝް


ސޫރިޔާގެ އިދްލިބްގައި ތާށިވެފައިވާ އާންމުންގެ ހާލަތާމެދު ކަންބޮޑުވާކަން ޔުނައިޓެޑް އަރަބް އިމަރޭޓްސް، ޔޫ.އޭ.އީ އިން ހާމަކޮށްފިއެވެ.

ޔޫއޭއީގެ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ވަޒީރު އަންވަރު ގަރްގާޝް ވިދާޅުވީ، އިދްލިބްގައި ތާށިވެފައިވާ އާންމުންގެ ފުރާނަ ސަލާމަތްކުރެވޭނެ ގޮތެއްނެތި އެ ސަރަހައްދު މިނިވަންކުރުމުގެ އޮޕަރޭޝަން ފަށައިގެން ނުވާނެކަމަށެވެ. އިދްލިބަކީ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ބޭރުގެ އެހީގައި އެ ގައުމުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ދެސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ.

ގަރްގާޝް ވިދާޅުވީ ޔޫއޭއީގެ އިތުރުން މުޅި ބައިނަލްއަގްވާމީ މުޖްތަމައުވެސް އިސްކަންދެނީ ހަނގުރާމަވެރި ޖަމާއަތްތަކާ ހަނގުރާމަ ކުރުމަށްވުރެ ބޮޑަށް އިދްލިބްގައި ތާށިވެފައިވާ ސޫރިޔާގެ އާންމުންގެ ފުރާނަ ސަލާމަތް ކުރުމަށްކަމަށެވެ. އިދްލިބްގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ގެނައުމަށްޓަކައި ތުރުކީ، ރަޝިޔާ އަދި އީރާންގެ އިސްވެރިން ތެހެރާންގައި ހުކުރުދުވަހު ބޭއްވި ސަމިޓް ބައްދަލުވުމުންވެސް އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

ސޫރިޔާ ސިފައިންވަނީ އިދްލިބް މިނިވަންކުރުމުގެ އޮޕަރޭޝަން ފަށަން ތައްޔާރުވަމުންދާކަން ހާމަކޮށް ޓެރަރިސްޓުންނަށް ދޫ ނުދެވޭނެ ކަމަށް ބުނެފައެވެ.