ޚަބަރު

ރޮހިންޔާއިންނާ ދެކޮޅަށް ހިންގި ޖަރީމާތައް ބަލާނޭ އިޙްތިޞާޞް ލިބިފައިވޭ- އައި.ސީ.ސީ


މިޔަންމާގެ ބައިމަދު ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް ބަލައި ތަޙުޤީޤުކޮށް ޙުކުމްއިއްވުމުގެ ޝަރުއީ އިޚްތިސާސް ލިބިގެންވާ ކަމަށް ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުން ބުނެފިއެވެ. އެ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވަނީ އިންސާނިއްޔަތާ ޚިލާފު އަދި ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް އދން ތުހުމަތުކުރާތީ އެކަން ބެލުމަކީ އެ ކޯޓުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭކަމެއްކަމަށެވެ.

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވަނީ ޖަރީމާތަކުގެ މައްސަލަ ބެލުމުގެ ޤާނޫނީ ހައިޘިއްޔަތު ލިބިގެންވާކަމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ބުނަނީ ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވަނީ އެމީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް އިންސާނީ ހައްގުތަކާބެހޭ އދ ގެ ހައިކޮމިޝަނުން ކުރި ތުހުމަތުތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ.

ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ ޖެނެރަލް ފާތޫ ބެންސޫދާ ވަނީ މިކަމަށް ރިޢާޔަތް ކުރައްވައި މި މައްސަލަ ރަސްމީ ސިފައެއްގައި ތަޙުޤީޤުކުރުމަށް މިދިޔަ އެޕްރީލް މަހު އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ބެންސޫދާ ވިދާޅުވީ، މިޔަންމާއަކީ ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުގެ މެންބަރު ޤައުމަކަށް ނުވާނަމަވެސް ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށް ރޮހިންޔާ މުސްލިމުން ހިމާޔަތް ހޯދި ބަންގްލަދޭޝް އަކީ އެކޯޓުގެ މެންބަރު ގައުމަކަށްވާތީ، އެއީ މި މައްސަލަ ބެލުމުގެ ގާނޫނީ އިޚްތިސާސްގެ އަސާސަކަށްވާނެ ކަމަށެވެ.

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް ބަލައި ތަހްގީގް ކުރުމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އެކުލަވާލި މިޝަނުން މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ މިޔަންމާ ސިފައިންގެ އިސް އޮފިސަރުން އަޑީގައި ތިއްބަވައިގެން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށާ އެ މައްސަލާގައި އެމީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.