އިދިކޮޅު އިއްތިހާދުގެ ޖަލްސާތަކުގައި އާންމުންގެ ތަރުހީބު ބޮޑުކަމަށް އެމީހުން ބުނިނަމަވެސް، އެއަށްވުރެ ބޮޑު ތަރުހީބެއް ޕީޕީއެމްގެ ކަންމަތީ ބައްދަލުވުންތަކަށްވެސް ލިބިގެންދާކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަޙުމަދު ނިޙާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ހޯދުމަށް ޕީޕީއެމްއިން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވީ ރާއްޖެއަށް އެންމެ އެކަށޭނަ ތަރައްޤީއެއް ގެނެސްދެއްވި ވެރިއަކީ ރައީސް ޔާމީންކަން އިދިކޮޅުގެ ސަޕޯޓަރުންވެސް މިއަދު ޤަބޫލުކުރާކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ބުރިޖުފަދަ ރާއްޖޭގައި ދުވަހަކުވެސް ނުހިންގޭނެކަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިވާ މަޝްރޫޢުތަށް ކާމިޔާބުކަމާއެކު ނިންމާލައި ޢާންމުންނަށް ހުޅުވާލާފައިވާއިރު، އެ ބުރިޖުމަތިން ހުރަސްކުރާ އެމްޑީޕީގެ ސަޕޯޓަރުގެ ހިތުގައިވެސް ރައީސް ޔާމީންނަށް ލޯބިޖެހިގެން ދާނެކަމަށް ނިހާން ވިދާޅުވިއެވެ.
ވެރިކަންކުރާ ޕާޓީއިން އެތަށްފަހަރެއްގެ މަތިން ރެކޯޓް ޢަދަދަކަށް ސަޕޯޓަރުން ބައިވެރިވެ ޖަލްސާތައް ކުރިއަށްގެންދާކަން ފާހަގަކުރައްވާ ނިހާން ވިދާޅުވީ، އިދިކޮޅުފަރާތްތަކުން މި ތަރުހީބު ހޯދުމައްޓަކައި ރާއްޖޭގެ އެއްކޮޅުންއަނެއްކޮޅަށް އަތްފުނާއަޅަމުންދާކަމަށެވެ. އެހެންނަމަވެސް އެ ފަރާތްތަކުގެ މައި ބޮޑެތި ޖަލްސާތަކަށް ލިބޭ ތަރުޙީބަކީ ޕީޕީއެމްގެ ކަންމަތީ ސިލްސިލާ ޖަލްސާތަކާ އެއްފެންވަރެއްގެ ތަރުހީބެއްކަމަށް ނިހާން ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، އެމްޑީޕީ ސަރުކާރަކީ ބޭކާރު ޚަރަދުކުރުން ގިނަ ސަރުކާރެއްކަމަށާއި، ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަނީ ދުރާލާ ރާވައިގެން، ޕްލޭނަކާ އެކުކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ކުރިން ދެފަރާތުގެ ތަފާދު ވަޒަންކޮށްލުން މުހިންމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޒުވާނުންގެ ޝަހަރުގެ ގޮތުގައި މިސަރުކާރުން ތަރައްޤީކުރަމުންގެންދާ ހުޅުމާލޭގައި ބޭއްވި މި ޖަލްސާގައި ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ކެބިނެޓް މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން ހުޅުމާލޭގައި ޕީޕީއެމްއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.
ޒުވާނުންގެ ޝަހަރުގެ ގޮތުގައި މިސަރުކާރުން ތަރައްޤީކުރަމުންގެންދާ ހުޅުމާލޭގައި ބޭއްވި މި ޖަލްސާގައި ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ކެބިނެޓް މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން ހުޅުމާލޭގައި ޕީޕީއެމްއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.