ޚަބަރު

ކައްދޫ އެއާޕޯޓް ބައިނަލް އަޤުވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރާނަން - ރައީސް ޔާމީން


ރާއްޖެ ދެކެމުން މިދާ ތަރައްޤީގެ ސިލްސިލާ އިތުރަށް ކުރިއަށް ގެންދިއުމަށް ދެވަނަ ފުރުޞަތެއް ދެއްވައިފިނަމަ ހައްދުންމަތީ ކައްދޫ އެއާޕޯޓް ބައިނަލް އަޤުވާމީ ވައިގެ ބަނދަރަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހެން ވިދާޅުވީ ހައްދުންމަށްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގަމުގެ ބަނދަރު އިފްތިތާޙުކޮށް ދެއްވުމަށްފަހު ތުނޑީ އަވަށު ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ހައްދުންމަތީގެ ރައްޔިތުންގެ އެއްމެ ބޮޑު ކަންބޮޑުވުމަކީ އެ އަތޮޅު ރަށްތަކުން ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންވާ ބިން ދޫނުކުރުމުގެ މައްސަލަ ކަމަށާއި އެހެން ކަމުން އެކަަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެތެރޭ އެ އަތޮޅުގެ ރަށްތަކުން 400 (ހަތަރު ސަތޭކަ) އަށް ވުރެ ގިނަ ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.

"ހައްދުން މަތީ ރައްޔިތުންގެ އެއްމެ ބޮޑު ކަންބޮޑުވުމަކީ ގެ ދޮރު އިމާރާތް ކުރަން ބިން ދޫނުކުރުން. އެހެން ވީމާ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭ ހަތަރު ސަތޭކައަށްވުރެ ގިނަ ގޯތި ދޫކުރަން ނިންމައިފިން. އެކަމަކު އެތަންތަނުގައި ކޮންކްރިޓާއި ސިމެންތީގެ ބަދަލުގައި ދަނޑިފަނުން ގެތަށް އަޅަން ޖެހޭ. ކޮންކްރިޓާއި ސިމެންތިން ކުރާ ތަރައްޤީއަކީ އިދިކޮޅު ފަރާތްތަކަށް ހަޖަމް ކުރެވޭ ކަމެއް ނޫން. އެފަރާތްތައް ހިތްހަމަ ޖެހޭނީ ދަނޑިފަނުން ގެ ދޮރު އިމާރާތް ކުރީމަ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ފެރީ ނިޒާމުން ދަތުރު ފަތުރު ކުރުމަށްވުރެ ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބިގެންދަނީ ބުރިޖާއި އެއާޕޯޓް މެދުވެރިކޮށް ދަތުރު ކުރުން ކަމަށާއި، އެހެން ކަމުން ފެރީން ދަތުރު ކުރުމުގެ ބަދަލުގައި އެމަނިކުފާނު އިސްކަން ދެއްވާނީ ރާއްޖޭގެ ރަށްތަކުގައި ޤާއިމުކޮށްފައިވާ އެއާޕޯޓްތައް އިތުރަށް ތަރައްޤީކޮށް ދަތުރު ފަތުރު ކުރުމަށް ބުރިޖުތަކާއި އެއާޕޯޓްތައް ބޭނުން ކުރުމުގެ ވިސްނުން ފުޅު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ ރަށްތަކަށް ގެނެސްދެމުންދާ ތަރައްޤީގެ ފަލްސަފާގެ ތެރެއިން އިތުރު ކުރިއެރުންތަކެއް ގެނެސްދިނުމަށްޓަކާ އެ މަނިކުފާނަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ ހައްދުންމަތީ ކައްދޫގައި ޤާއިމްކޮށްފައިވާ އެއާޕޯޓް އެއްމެ ބޮޑެތި ބޯޓް ފަހަރު ޖެއްސޭވަރުގެ ބައިނަލް އަޤުވާމީ ވައިގެ ބަނދަރަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ މަނިކުފާނުގެ ދެވަނަ ދައުރެއްގެ ފުރަތަމަ 2 އަހަރު ތެރޭ ކައްދޫ އެއާޕޯޓް އެ ފެންވަރަށް ބަދަލުކޮށް ދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސް ޔާމީން ވަނީ ދެއްވާފައެވެ.

"ކައްދޫ އެއާ ޕޯޓް ބޮޑު އެއާޕޯޓަކަށް ހަދަން ޖެހޭ. އިރާދަ ކުރެއްވިއްޔާ ތިޔަ ރައްޔިތުން އަޅުގަނޑަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ 2 އަހަރު ތެރޭ އެއްމެ ބޮޑެތި ބޯޓް ޖެއްސޭ ފެންވަރުގެ ބައިނަލް އަޤުވާމީ ވައިގެ ބަނދަރަކަށް ކައްދޫ އެއާޕޯޓް ހަދާނަން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންތިޚާބުތަކާއި ދިމާކޮށް ރަށްރަށުގައި ކަޑަ ޖަހާނެ ކަމަށާއި އެހެން ޖަހާ ކަޑަތައް ފީވެގެން ނެތިގެންވެސް ދާނެ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވަނީ އެހެން ނޫން ކަމަށާއި އެމަނިކުފާނު ރައްޔިތުންގެ އަރިހަށް ޒިޔާރަތް ކުރައްވަނީ އެރައްޔިތުންނަށް ކޮށްދެއްވި ކޮންމެވެސް ކަމެއް އިފްތިތާޙު ކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހައްދުންމަތީ ގަމުގައި ހުންނަވާ އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ ގަމުގެ ބަނދަރު އިފްތިތާޙު ކޮށްދެއްވުމަށްފަހު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ހައްދުންމަތީ ގަމުގެ ތަރައްޤީއަށް ކުރީގެ ސަރުކާރު ތަކުން ހޭދަ ކުރި އެއްމެ 35 މިލިއަން ރުފިޔާގެ ބަދަލުގައި މި ސަރުކާރުން މި ވޭތުވެދިޔަ ދުވަސްތަކުގައި 615 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢުތައް ހަމައެކަނި ގަމުގައި ކުރިއަށް ގެންދިޔަކަން ފާހަގަ ކުރައްވާފައެވެ. އަދި ހައްދުންމަތީގެ ރައްޔިތުން ރައީސް ޔާމީނާއި މި ސަރުކާރަށް ތާޢީދު ކުރައްވަނީ އެ ސަބަބުތަކާ ހުރެކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީން ހައްދުން މައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ހައްދުންމަތީ ރަށްރަތަކުގައި މި ސަރުކާރުން ތަރައްޤީ ކޮށްދެއްވި ބޮޑެތި މަޝްރޫއުތަކެއް އިފްތިތާޙުކޮށް ދެއްވާފައެވެ. އެގޮތުން ބައެއް ރަށްރަށުގެ ބަނދަރު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައިވާއިރު، ރާއްޖޭގައި މިހާތަނަށް ތާރު އަޅައިގެން ތަރައްޤީ ކުރި އެއްމެ ބޮޑު މަގު ކަމުގައިވާ ހައްދުންމަތީ ފޮނަދޫ ލިންކް ރޯޑް ރައީސް ޔާމީން ވަނީ އިފްތިތާޙު ކޮށްދެއްވާފައެވެ.