އަންނަ ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާސް އުފައްދާފައިވަނީ، އެކަރުދާހުގެ ސައްޙަކަން ކަށަވަރުކުރެވޭނެ ސިފަތަކާއެކުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރިޔާސީ އިންތިޚާބުގެ އިންތިޒާމުތަކާ ބެހޭ ގޮތުން މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ވޯޓު ކަރުދާހުގެ ސައްޙަކަން ކަށަވަރު ކުރެވޭނެ ފީޗާސް ތަކެއް ކަރުދާހުގައި ހުންނާނެ ކަމަށާއި، އިންތިޚާބުގައި ވޯޓުކަރުދާސްތައް ގުނަން ފަށާނީ ކަރުދާހުގެ ޞައްޙަކަން ކަށަވަރު ކުރުމަށް ފަހުގައެވެ.
އަޙްމަދު ޝަރީފު ވިދާޅުވީ، ވޯޓުކަރުދާހުގައި ވާ ފީޗާސްތައް ބޭނުން ކޮށްގެން ވޯޓު ކަރުދާހުގެ ޞައްޙަކަން ކަށަވަރު ކުރުމަށް ބޭނުންކުރާ ވަޞީލަތްތައް ކުރިޔަށް އޮތްތާގައި އެއިދާރައިން ހާމަކުރާނެކަމަށެވެ.
އިލެކްޝަންސްކޮމިޝަނުން ބުނީ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާ އެހީތެރިން މިފަހަރު ޓެބްލެޓް ބޭނުންކުރާނެކަމަށެވެ. އަދި އެހެން އޮފިޝަލުން މަސައްކަތް ކުރާނީ މެނުއަލް ކޮށް ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.