ޚަބަރު

ރައީސް ޔާމީން، ލ.މާމެންދޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލ.މާމެންދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

ރައީސް ޔާމީން މިމަޝްރޫޢު ރަސްމީކޮށް ފަށްޓަވައިދެއްވާފައިވަނީ އެމަނިކުފާނު ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާމެންދޫއަށް ވަޑައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މާމެންދުއަށް ވަޑައިގެންނެވުމުން، އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާއިއާއި ފެނުގެ ނިޒާމު ޤާއިމްކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެދަށުން ލ. މާމެންދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމަކީ ދައުލަތުގެ ބަޖެޓުން 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ނިޒާމެކެވެ.

ފެނަކަ ކޯޕަރޭޝާނާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުގެ ދަށުންވަނީ ވަނީ 4 ޕަމްޕް ސްޓޭޝަންޤާއިމްކޮށް، 6 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކޮށްފައެވެ. އަދި ރަށުގައި އުފެދޭ ނަޖިސް ބޭރުކުރުމަށް 225 މީޓަރުގެ އައުޓް ފޯލް ހޮޅިއެއްވެސްވަނީ އަޅާފައެވެ.

މިމަސައްކަތް ނިންމާ އެރަށުގެ ތިންސަތޭކައަށްވުރެ ގިނަ ގެއަށް ޚިދުމަތްދޭން ފަށާފައިވާއިރު، މި ޚިދުމަތް ދެމުންދަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ.