ޚަބަރު

ޕަޕަޑޯޕޮލުސްއަށް 14 ދުވަހުގެ ޖަލު ޙުކުމެއް


2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރުގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާގިވެރިއެއްކަމުގައިވާ ޖޯޖް ޕަޕަޑޯޕޮލުސް ސާދަ ދުވަހަށް ޖަލަށް ލުމަށް ހުކުމުކޮށްފިއެވެ.

އޭނާގެ މައްޗަށް އެ ޙުކުމް އިއްވާފައިވަނީ، 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިތޯ ބެލުމަށް އެފް.ބީ.އައި އިން ހިންގި ތަޙުޤީޤަށް ދޮގު މަޢުލޫމާތު ދީފައިވާކަމަށް މިދިޔަ އަހަރު ޕަޕަޑޯޕޮލުސް އިޢުތިރާފުވުމާ ގުޅިގެންނެވެ. އެފް.ބީ.އައިގެ ޚާއްޞަ މުޝީރު ރޮބަރޓް މުލަރގެ ފަރާތުން ވަކާލާތުކުރެއްވި ޤާނޫނީ ވަކީލުން ވަނީ، އެފް.ބީ.އައި އިން ހިންގި ތަޙުޤީޤަށް ޕަޕަޑޯޕޮލުސް ދޮގު މަޢުލޫމާތު ދީފައިވަނީ، ޓްރަމްޕްގެ ކެމްޕެއިނާއި ރަޝިޔާއާ ދެމެދު ކުރި މުޢާމަލާތްތަކުގައި ހެކިވެރިއެއްގެ ގޮތުން އޭނާ އަދާކުރި ދައުރު ކުޑަކުރުމުގެ ނިޔަތުގައިކަމަށެވެ.

ހުކުރު ދުވަހަކީ، 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، އެފް.ބީ.އައި އިން ހިންގި ތަޙުޤީޤަށް ދޮގު މަޢުލޫމާތު ދީފައިވާކަމަށް ޕަޕަޑޯޕޮލުސް އިޢުތިރާފުވީފަހުން އޭނާ ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ.