ޚަބަރު

ފިޔަވަޅު އަޅާނެކަމަށް ދެކިގެން ތިބޭނަމަ، އަބަދުވެސް ތިބޭނީ އަޅުވެތިކަމުގައި- ރައީސް


ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފިޔަވަޅު އަޅާނެކަމަށް ދެކިގެން ތިބޭނަމަ އަބަދުވެސް ތިބެންޖެހޭނީ އަޅުވެތިކަމެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"ބްރިޖް ސަޅި" ނަމުގައި ޕީ.ޕީ.އެމުން ކާނިވާ ސަރަޙައްދުގައި ބެއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ބައެއް ފަރާތްތަކުން ރާއްޖެއާމެދު ފިޔަވަޅު އަޅާނެކަމަށް ބުނާތީ އެކަމާ ކަންބޮޑުވާކަމަށެވެ. އެހެންނަމަވެސް ބޭރުގެ ފަރާތްތަކުން ފިޔަވަޅު އެޅުމަކީ މާތްﷲ ގެ ތަނަވަސް ރަޙްމަތުން ދިވެހިން ބޭރުވާކަމެއްނޫން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ދެރަވޭ ޖެހިލުންވޭ، އެކަމަކު އަޅުގަނޑުމެންގެ ހުރިހާކަމެއް އެކަމުގެ މައްޗަށް ނިންމައިގެންތިބޭ ކަމަށްވަންޏާ އަބަދު ތިބެން ޖެހޭނީ އެ އަޅުވެތިކަމުގައި، އިސްތިއުމާރުގެ އަޅުވެތިކަމުގައި ތިބެންޖެހޭނީ. މީކީ ދިވެހިރައްޔިތުންނަށް ޙައްޤުގޮތެއް ނޫން. ދިވެހި ރައްޔިތުންނަކީ މިހިސާބަށް އައިއިރު އެތަކެއް ސަތޭކަ އަހަރެއްގެ ތަޙްޒީބު އަޅުގަނޑުމެންގެ ފަހަތުގައިވާ ބައެއް. އެތައް ހަނގުރާމައެއް އަޅުގަނޑުމެންގެ ކާބަފައިން ކޮށްފި" ރައީސް ވިދާޅުވިއެވެ.

އިދިކޮޅު އެމް.ޑީ.ޕީގެ ވެރިކަމަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ބަދަލުވުމުން ރާއްޖެއާމެދު ބޭރުގެ އެކި އެކި ފަރާތްތަކުން ފިޔަވަޅު އަޅާނެކަމަށްބުުނެ ވާހަކަތައް ފެތުރުރި ކަމަށާއި، ނަމަވެސް ކޯނީގެ ރިޕޯޓު އައި ހިސާބުން އެވާހަކަތައް ދެއްކި ފަރާތްތަކުން ކުޑަކަކޫ ޖަހަން ޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ.

" ރައީސް ވަހީދު ވެރިކަމަށް ވަޑައިގަތީމަ، ނޫނީ ރައީސް ނަޝީދު ވެރިކަމާއި ހަވާލުވެވަޑައިގަތީމަ އެބޭފުޅުން ގެންގުޅުއްވި ހުރިހާ ވިސްނުންތައް ނޫނީ އެބޭފުޅުން އަޅުގަނދުމެންނާމެދު ނިންމެވި ނިންމެވުންތައް ކިހިނެތްތޯ ވެގެންދާނީ. އެހެންވެގެން ރައީސް ވާހީދު ނިންމެވީ ތިމަންނަމެން މިމައްސަލަ ހިނގާދިޔަގޮތް ބައްލަވާނަމޭ، އެސެސްކުރާނަމޭ. ކޯނީ ރިޕޯޓެއް ނުކުމެގެން ދިޔައީ އެތައް މަހެއްގެ ދިރާސާތަކަކަށްފަހު، ހައެއްކަ އަށެއްކަ މަހަށްފަހު ކިހިނެތްތޯވީ. އީޖާދުތަކާއި އެކީ ރޮކެޓް ހިފައިގެން އެތައް މިތަނަށް ދަތުރުކުރާ މީހުންނަށް ދެން ހަމަޖެހުނީ ކޯނީ ރިޕޯޓު ކުރިިމަތީ ކުޑަކަކޫ ޖަހާލަން ނޫންތޯ. އެެހެންވެގެން އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދޭންވީ، ރާއްޖޭގެގައި ހިންގާ ކަންކަމާ ދޭތެރޭގައި" ރައީސް ވިދާޅުވިއެވެ.

"ބްރިޖް ސަޅި" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ މާލެއާއި ހުޅުލެއާ ދެމެދު ބްރިޖް ނޭޅޭނެކަމަށްބުނެ ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އެތައް ހާސް ބަޔަކު ބައިވެރިވި ޖަލްސާގައި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޕީ.ޕީ.އެމްގެ މެންބަރުންގެ އިތުރުން ސަރުކާރަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.