ޚަބަރު

އެމެރިކާއިން ބަޔާން ނެރުނީ އިންތިޚާބަށް ނުފޫޒު ފޯރުވަން- ފޮރިން މިނިސްޓްރީ


ރާއްޖެއާ ބެހޭގޮތުން އެމެރިކާ ސަރުކާރުން އިއްޔެ ނެރުނު ބަޔާނަކީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގި އަމަލެއްކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ދިވެހި ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއާ ގުޅޭގޮތުން އެމެރިކާއިން ނެރުނު ބަޔާނަކީ ކަންބޮޑުވާ ބަޔާނެއްކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އެމެރިކާއިން މިފަދަ ބަޔާނެއް ނެރުނީ މިނިވަން ޤައުމެއްގެ އިންތިޚާބަށް ނުފޫޒު ފޯރުވައި، ބިރުދެއްކުމަށްކަމަށް ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ. އަދި މިފަދަ އަމަލުތައް ހިންގުމުގެ ބަދަލުގައި، ރާއްޖޭގެ ރައްޔިތުން މިނިވަންކަމާއެކު، އެމީހުން ބޭނުންވާ ވެރިޔަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު ދިނުމަށް އެމެރިކާއާއި ބައިނަލްއަޤްވާމީ މުޖްތަމަޢުއަށް ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

މިބަޔާނުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދައުލަތުގެ މުއައްސަސާތަކުން ކުރަމުންގެންދާކަމަށާއި އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންވެސް މިނިވަންކަމާއެކު ކެމްޕެއިން ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މޮނިޓަރ ކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ހުޅުވާލާފައިވާކަންވެސް ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޚާރިޖިއްޔާގެ ބަޔާނުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށްކަމަށް ބުނެ އެމެރިކާއާއި އެހެނިހެން ބައިނަލްއަޤްވާމީ ފަރާތްތަކުން މަސައްކަތްކުރާއިރު، ބިރުދެއްކުމާއި ނުފޫޒު ފޯރުވުމުގެ އަމަލުތަކުގެ ސަބަބަން ދިވެހި ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތްކަން ފާހަގަކޮށްފައިވެއެވެ.

އެމެރިކާ ސަރުކާރުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖިނާޢީ ހުކުމްތަކެއް ތަންފީޒުކުރަމުންދާ ކުށްވެރިންތަކެއް ދޫކޮށްލުމަށެވެ. މިބަޔާން ނެރެފައިވާއިރު، އިދިކޮޅު ފަރާތްތައް ވެރިކަމަށް ގެންނަން އެމެރިކާއިން މަސައްކަތްކުރާކަން ހާމަވާ ލިޔެކިޔުންތަކެއް ވަނީ އާއްމުވެފައެވެ. ނަމަވެސް އާއްމުކޮށް ޤައުމުތަކުގެ ދާޚިލީ ކަންކަމާ ނުފޫޒު ފޯރުވުމަށްފަހު އެކަމުން ރެކޭ އުސޫލުގެ ދަށުން، އެމެރިކާއިން ވަނީ އާއްމުވެފައިވަނީ ޞައްޙަ ލިޔުންތަކެއް ނޫންކަމަށް ބުނެފައެވެ.